ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅިގެން މާލޭގައި މިއަދު ބައިސްކަލް ބުރަކާއި ހިނގާލުމެއް ބާއްވައިފި އެވެ.


ހެލްތު މިނިސްޓްރީ އިންތިޒާމް ކޮށްގެން މިއަދު ހަވީރު ބޭއްވި ބައިސްކަލް ބުރާއި ހިންގާލުން ފައްޓަވައި ދެއްވީ ނައިބް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ.


ހެލްތު މިނިސްޓްރީގެ ސިނިއަރ ޕަބްލިކް ޕްރޮގުރާމް އޮފިސަރ އަބްދުލްހަމީދު މިއަދު ވިދާޅުވީ އެ ޕްރޮގުރާމަކީ ހިނގާފައި އުޅުމުގެ އާދަ ރައްޔިތުންގެ މެދުގައި އަށަގެންނެވުމާއި އަދި ތަފާތު ވެހިކަލްތައް ދުއްވުމުގެ ބަދަލުގައި ބައިސްކަލް ދުއްވުމުން ސިއްހަތަށް ކުރާ ފައިދާ ރައްޔިތުނަށް އަންގައިދިނުން ކަމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށެވެ. މި ބައިސްކަލް ބުރާއި ހިނގާލުމުގައި ބައިވެރި މީހުން ވަނީ ސިއްހީ ޝިއާރުތައް ލިޔެފައިވާ ބެނާތައް ބޭނުންކޮށްފަ އެވެ.