އެސްޖީ- 18 ޑިވެލޮޕާސްއާއި ޓާޓާ ހައުސިން ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާ އެއް ކަމަށްވާ އެޕެކްސް ރިއަލިޓީ ޕްރައިވެޓް ލިމިޓެޑުން މާލޭގައި އިމާރާތްކުރާ ދެ ތަނަކުން ރީޓެއިލް ޒޯންތައް ވިއްކުމަށް ބިޑްކުރުމަށް މިރޭ ހުޅުވާލައިފި އެވެ.

ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި ބިޑަށް ހުޅުވާލީ ގާކޮށީގައި އަޅާ ފްލެޓް އިމާރާތާއި ކުރިން އަރަބިއްޔާ ސްކޫލް ހުރި ބިމުގައި އަޅާ ފްލެޓް އިމާރާތުން އެޕެކްސް ކުންފުންޏަށް ލިބޭ ބައިގައިވާ ރީޓެއިލް ޒޯންތަކެވެ. އެ ދެއިމާރާތުގައިވާ ރީޓެއިލް ޒޯން ބިޑަށް ހުޅުވައިލިކަން އިއުލާން ކުރެއްވީ އެޕެކްސްގެ މެނޭޖިން ޑައިރެކްޓަރު ގޯވިންދަރުސިންގް އެވެ.

ސަރުކާރާއި އޭޕެކްސްއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ދެއިމާރާތުގެ ގްރައުންޑް ފްލޯއާއި ފަސްޓް ފްލޯ ލިބެނީ އެކުންފުންޏަށެވެ.

ރީޓެއިލް ޒޯންތަކަށް ބިޑް ކުރުމާ ބެހޭ ގޮތުން މައުލޫމާތު ސާފުކުރުމުގެ ފުރުސަތު ވަނީ އަންނަ މާޗް މަހުގެ އަށް ވަނަ ދުވަހުގެ ހަވީރު 5.00 އާ ހަމައަށް ހުޅުވާލާފައެވެ. އަދި ޕްރީ ބިޑް ބައްދަލުވުން ބާއްވާނީ މާޗްމަހުގެ 10 ވަނަ ދުވަހު އެވެ. އަދި ބިޑް ހުށަހަޅަން ހަމަޖެހިފައި ވަނީ އޭގެ އެއް މަސްދުވަސް ފަހުންނެވެ.

ބިޑް ހުޅުވާނީ ވެސް ބިޑް ހުށަހަޅާ ދުވަހު ކަމަށް އޭޕެކްސް އިން މިރޭގެ ހަފުލާގައި ބުންޏެވެ.

އޭޕެކްސްގެ މެނޭޖިން ޑައިރެކްޓަރު ގޯވިންދަރްސިންގް ވިދާޅުވީ، ގާކޮށްޓާއި އަރަބިއްޔާގައި އަޅާ އިމާރާތުގެ މައިގަނޑު މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އަންނަ ނޮވެމްބަރު މަހު އެދެތަން މުޅިން ނިންމާލެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.