ރ. ވާދުއަށް ނަގޫ ރޯޅިއެއް އަރައި އެރަށުގެ ބައެއް ތަންތަނާއި ތަކެއްޗަށް ގެއްލުންތަކެއް ވެއްޖެ އެެވެ.

ނަގޫރޯޅީގެ ސަބަބުން ލިބުނު ގެއްލުންތަކާ ގުޅޭ ގޮތުން ވާދޫ ކައުންސިލުން މިރޭ 'ސަން'އަށް ބުނީ، މިރޭ 10 ޖަހާ އެހާއިރު އެރަށު އުތުރު ފަރާތުން އަރައިގެން އައި ނަގޫރޯޅީގައި ގެއެއްގެ ގަހެއް ވެޓުމުގެ އިތުރުން ދޯންޏެއްގެ ފައްތިޔާ ކަނޑައިގެން ގޮސް އެކިވަރުގެ ގެއްލުން ލިބުނު ކަމަށެވެ. އަދި އިތުރު ދޯންޏެއްގެ މަޅުތަކެއް އެއްގަމަށް ގޮސްފައިވާ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

ވާދޫއަށް އެރި ނަގޫ ރޯޅީގައި ބިންދައިގެން ގޮސްފައިވާ ގަހެއްގެ ބައެއް -- ސަން ފޮޓޯ: ކިއުންތެރިއެއް

" އޭގެ އިތުރުންވެސް ދޯންޏެއްގެ ފައްޔެއް ބިންދައިގެން ގޮސް ގެއެއްގެ ކުޑަދޮރުގައި ޖަހާފައި ހުރި ފިލާގަނޑެއް ނެއްޓި އެކިވަރުގެ ގެއްލުން ވަނީ ލިބިފައި،" ކައުންސިލުން ބުންޏެވެ.

ކައުންސިލުން ބުނީ ވާދުއަށް ނަގޫރޯޅިއެއް އަރާފައިވަނީ އެރަށުގެ އުތުރުފަރާތުން ކަމަށާއި، ރަށުތެރޭގައި ކުޑައިރުކޮޅަކު އެނބުރުމަށް ފަހު ހުޅަގުފަރާތުން ފައިބައިގެން ދިޔަ އިރު ހުޅަގުފަރާތު ފަޅުގައި އަޅާފައި އޮތް ދެ ދޯންޏަކަށް ވެސް ގެއްލުންވި ކަމަށެވެ.