ކުރީގެ ރައީސް މުހައްމަދު ނަޝީދު ބަންދުގައި ބަހައްޓައިގެން ކްރިމިނަލް ކޯޓަށް ހާޒިރުކުރެއްވި ދުވަހު ފުލުހުން އެމަނިކުފާނާމެދު އަމަލު ކުރެއްވި ގޮތާ ގުޅޭ ގޮތުން ތަހުގީގު ކުރުމަކާ ނުލައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބަޔާން ނެރުމުން، ފުލުހުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އިސްކަންދަރު ބިލްޑިންގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޕްރިންޓެންޑެންޓު އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވީ، މިދިޔަ ހޯމަ ދުވަހު ރައީސް ނަޝީދު ކްރިމިނަލް ކޯޓަށް ވަޑައިގަންނަވަން އުޅުއްވި ވަގުތު ހިނގި ކަންތައްތައް ތަހުގީގު ކުރުމަކާ ނުލައި "ވަގުތުން ވަގުތަށް" ފުލުހުން ބަދުނާމުކޮށް ބަޔާން ނެރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ފުލުހުންގެ އިލްތިމާސަކީ އެކަން ހިނގި ގޮތް ރަނގަޅަށް ބެއްލުމަށްފަހު ކަން ހިނގައިދިޔަ ގޮތް ހާމަ ކުރެއްވުމަށް ކަމަށް ހަމްދޫން ވިދާޅުވި އެވެ.

"ފުލުހުން ހިންގާ އޮޕަރޭޝަންތަކާ ގުޅިގެން، ހުށަހަޅާ ބިނާ ކުރަނިވި ހުށަހެޅުންތަކަކީ އަޅުގަނޑުމެން ބަލައިގަންނާނެ ކަންތައްތައް. ނަމަވެސް އަޅުގަނޑުމެންގެ ކަންތައްތައް ތަހުގީގު ކުރުމެއް ނެތި ކުށްވެރިކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" ހަމްދޫން ވިދާޅުވި އެވެ.

ހަމްދޫން ވިދާޅުވީ، އެ ހާދިސާ ހިނގި ފަހުން އެޗްއާރްސީއެމާ ބައްދަލުކޮށް، މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

ނަޝީދު ކޯޓަށް ގެންދިއުމުގައި ހިނގި ކަންތައްތަކުގައި ފުލުހުން ބާރުގެ ބޭނުން ކުރި ގޮތް ފުލުހުންގެ ޔޫސް އޮފް ފޯސް ރިވިއު ކޮމިޓީން ބަލަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ހަށިކޮޅަށް ފުލުހުން އަނިޔާ ކުރި ކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް ކުށްވެރިކޮށް ހަމްދޫން ވިދާޅުވީ، ރައީސް ނަޝީދުގެ ހަށިކޮޅަށް އެއްވެސް އަނިޔާއެއް ވެފައި ނުވާ ކަމަށް ޑޮކްޓަރުން ޔަގީންކަން ދީފައިވާ ކަމަށެވެ.

ރައީސް ނަޝީދާއި އެމަނިކުފާނުގެ ވަކީލުންގެ އެދިވަޑައިގަތުމަކަށް އެމަނިކުފާނުގެ ކޮނޑުކަށިގަނޑަށް ގެއްލުންވެފައިވޭތޯ ބެލުމަށް އެކްސްރޭ ނަގާފައިވާ ކަމަށާއި އެމަނިކުފާނަށް އަނިޔާއެއް ލިބިފައި ނުވާކަން އެ އެކްސްރޭގެ ނަތީޖާއިން ވެސް ދައްކާފައިވާ ކަމަށް ހަމްދޫން ވިދާޅުވި އެވެ.

ފުލުހުންގެ ބަންދުގައި ނަޝީދު ހުންނަވާއިރު، އެމަނިކުފާނަށް ފުލުހުން އަނިޔާ ކުރަން އުޅޭ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ދޮގުކޮށް ހަމްދޫން ވިދާޅުވީ "އިންސާނީ ކަރާމާތަށް އުނިކަމެއް އަންނާނެ އެއްވެސް" ކަމެއް އެމަނިކުފާނާމެދު ފުލުހުން ބަހައްޓާފައި ނުވާނެ ކަމަށެވެ.

އެމްޑީޕީ-ޖޭޕީން މާލޭގައި ކުރަމުންދާ ސިލްސިލާ މުޒާހަރާތަކާ ގުޅިގެން ހަމްދޫން ވިދާޅުވީ އާންމު އިޖުތިމާއީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން މުޒާހަރާތައް ކުރިއަށް ގެންދިއުމަށާއި ގާނޫނީ އިމުން ބޭރުން މުޒާހަރާތައް ބާއްވާނަމަ އެ މުޒާހަރާތައް ރޫޅާލާނެ ކަމަށެވެ.

"ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ރައްޔިތުންގެ އާންމު މަސައްލަހަތު ގާއިމް ކުރުމަށް މަތިކޮށްފައިވާ ގާނޫނީ ޒިންމާ އަދާ ކުރުމުގައި ސާބިތުކަމާއެކު ތިބޭނެ ކަމުގެ ޔަގީންކަން އަރުވަން،" ސްޕްރިންޓެންޑެންޓު އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވި އެވެ.