25 Feb 2015, 22:20
ރާއްޖޭގައި މިހާރު އޮތް ސިޔާސީ މަސްރަހާ ގުޅޭގޮތުން ބައެއް އެމްބެސަޑަރުންނާ ބައްދަލުކުރެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ރާއްޖޭން ބޭރަށް ފުރާވަޑައިގެންފި އެވެ.
ފުރާވަޑައިގަތުމުގެ ކުރިން އެއް ނަންބަރު ފާލަން ކައިރީގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި ގާސިމް މިރޭ ވިދާޅުވީ، އެބޭފުޅުންގެ ދަތުރަކީ އެއް ދުވަހުގެ ދަތުރެއް ކަމަށެވެ. އަދި މި ބައްދަލުވުމުގައި ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ އެމްބެސަޑަރުންނާއި އެމެރިކާ އަދި ބްރިޓިޝްގެ އެމްބެސަޑަރުންނާ ބައްދަލު ކުރެއްވުން އޮންނާނެ ކަމަށް ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.
"މިއީ އެބޭފުޅުން އަޅުގަނޑުމެންނަށް ދެއްވާފައި އޮތް އެޕޮއިންޓްމަންޓެއް. ދެން މި ދަތުރަކީ އަޅުގަނޑުމެންނާއި ކައިރި ހިސާބުތަކުގެ އެންބަސީތަކާއި އެކު މިހާރު ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެއް،" ގާސިމް ވިދާޅުވި އެވެ.
ދަތުރުފުޅާ ގުޅޭގޮތުން ޝާހިދު ވިދާޅުވީ، ގާނޫނުއަސާސީއާ ހިލާފަށް މި ސަރުކާރުން ކުރައްވާ ހުރިހާ ކަމެއްގެ މައުލޫމާތު ބައިނަލްއަގުވާމީ މަސްރަހަށް ލިބެމުން އަންނަ ކަމަށެވެ. އަދި ގާނޫނު އަސާސީއާ ހިލާފަށް ސަރުކާރުން ކުރާ ކަންތައް ފޮރުވުމަށް ކުރާ މަސައްކަތްވެސް އެފަރާތްތަކަށް އެނގިލައްވާކަމަށް އޭނާ ވިދާޅުވި އެވެ.
"ރައީސް ނަޝީދުއާ ދޭތެރޭ މި ސަރުކާރުން ސިޔާސީ ދައުވާއެއް އުފުއްލަވައި އެކަމުގައި އެމަނިކުފާނު ކޯޓަށް ހާޒިރު ކުރައްވައި ފުލުހުން މެދުވެރިކުރައްވައި އެމަނިކުފާނަށް ޖިސްމާނީ ގޮތުން އަނިޔާ ލިބޭގޮތަށް ކަންތައްތައް ކުރެއްވި ކަމާއި މިހިރަ ކަންތައް މިހުރީ ފާޅުގައި ފެންނަން. ގާސިމް އިބްރާހިމްގެ މުދަލަށާއި ގާސިމް އިބްރާހިމަށް އަނިޔާ ދެއްވުމުގެ ނިޔަތުގައި ސަރުކާރުން އެކި ގޮތްގޮތަށް ރޭވުމަށް ކުރާ ކަންތައްތައް މިހުރީ ފެންނަން،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ، އެ ހުރިހާ ކަމެއް ބޭރުގެ ފަރާތްތަކަށް އެނގި ހާމަވެފައިވާ ކަމަށާއި އެކަންކަމާ ގުޅިގެން އެފަރާތްތަކުން ސަރުކާރު ކުށްވެރިކޮށް ބަޔާންތައް ނެރެފައިވާ ކަމަށެވެ. އަދި މި ދަތުރުގެ ބޭނުމަކީ އެކަންކަމާ ގުޅޭ އިތުރު މައުލޫމާތުތައް ބޭރުގެ ފަރާތްތަކަށް ހާމަކުރުން ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.
ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބޭރުގެ ފަރާތްތަކުން ނުވަދެވޭނެ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަން ބޭނުންފުޅުނުވާ ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި ވިދާޅުވީ، އެކަމަނާ ދައްކަވާ ވާހަކަފުޅުތަކަށް ބައިނަލްއަގުވާމީ މައިދާނުގައި އަންނަނީ ރައްދު ދެމުން ކަމަށެވެ.
ބޭރުގެ ފަރާތްތަކަށް ބަދުބަސް ބުނެ އެފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދު ދެމުން ދަނީ ދިވެހި ރައްޔިތުން ނިކަމެތި ކުރަން ކަމަށް ޝާހިދު ވިދާޅުވި އެވެ.
ގާސިމާއި ޝާހިދުގެ އަރިހުގައި ކިނބިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުﷲ ރިޔާޒާއި މާލެ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު ޝިހާބުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު ޑރ. ހުސައިން ރަޝީދު ހަސަން ވެސް އެ ދަތުރުގައި ބައިވެރިވަޑައިގަންނަވަ އެވެ.