25 Feb 2015, 21:36
ފިނޭންސް މިނިސްޓްރީން ކަނޑައެޅި އުސޫލާ ޚިލާފަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މުސާރަ ބޮޑުކުރި ކުރީގެ "އަޕަރ ނޯތު ޔުޓިލިޓީސް"ގެ އިސްވެރިންތަކެއްގެ މައްޗަށް ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)އަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ފޮނުވައިފި އެވެ.
އޭސީސީން ބުނީ 2010 ވަނަ އަހަރު، އޭރުގެ ސަރުކާރާއި ސަރުކާރުން ބައިވެރިވާ ކުންފުނިތަކުގެ ބޯޑާއި ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރަށް ދެވޭ މުސާރައާއި އިނާޔަތް އެއް ހަމައަކަށް ބައްޓަން ކުރުމަށްޓަކައި ފިނޭންސް މިނިސްޓްރީން ސްޓްރަކްޗާއެއް ތައްޔާރުކޮށްފައިވާ ކަމަށާއި އަދި އެގޮތަށް އެކަން ބަދަލު ކުރުމަށް ރައީސް އޮފީހުންވެސް ހުއްދަ ދީފައިވާ ކަމަށެވެ.
އެހެންނަމަވެސް އަޕަ ނޯތު ޔުޓިލިޓީސް ކުންފުނީގެ އިސް ވެރިން އެގޮތަށް އަމަލުނުކޮށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ވަހީދަށް އިދާރީ އެލަވަންސެއްގެ ގޮތުގައި 10،500 ރުފިޔާ އަދި އެ ކުންފުނީގެ ޗެއާމަން އަހުމަދު ޝަފީގަށް އިދާރީ އެލަވަންސެއްގެ ގޮތުގައި 6،000 ރުފިޔާ ހަމަޖައްސާފައިވާ ކަމަށް އޭސީސީން ބުނެފައިވެ އެވެ.
އޭސީސީން ބުނީ އެ ކޮމިޝަނުން މި މައްސަލަ ތަހުގީގު ކުރިއިރު ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭގައި މުސާރައާއި އިނާޔަތްތައް ފިނޭންސް މިނިސްޓްރީން އެންގި އުސޫލާ އެއްގޮތަށް ނެގުމަށް އެތައް ފަހަރެއްގެ މަތިން އެކުންފުންޏަށް އަންގާފައިވާ ކަމަށެވެ.
އެހެންނަމަވެސް އެ މުއްދަތުގެ ތެރޭގައި މެނޭޖިން ޑިރެކްޓަރުގެ މުސާރައާއި އިނާޔަތުގެ ގޮތުގައި ފިނޭންސް މިނިސްޓްރީން ކަނޑައެޅި މުސާރައާއި އިނާޔަތަށް ވުރެއް އިތުރަށް 198،083.33 ރުފިޔާ ނަގާފައިވާ ކަމަށް އޭސީސީން ބުންޏެވެ. އަދި ހަމަ އެމުއްދަތުގައި ކުންފުނީގެ ޗެއާމަނަށް ފިނޭންސުން ކަނޑައެޅި މުސާރައާ އިނާޔަތްތަކުގެ އިތުރަށް 136،283.33 ރުފިޔާ ދީފައިވާ ކަމަށް ވެސް އެކޮމިޝަނުން ބުނެފައިވެ އެވެ.
އޭސީސީން ބުނީ އަޕަ ނޯތު ޔުޓިލިޓީސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން އެ ކުންފުނީގެ ބޯޑުގެ މެމްބަރުންނަށް ވެސް ފިނޭންސުން ކަނޑައަޅާފައިވާ އިނާޔަތްތަކާއި މުސާރައަށް ވުރެއް އިތުރަށް ފައިސާ ދީފައިވާ ކަމަށް އެފަރާތުން ތަހުގީގު ކުރިއިރު ފާހަގަކުރެވުނު ކަމަށެވެ.
މި މައްސަލައާ ގުޅިގެން އޭސީސީން ވަނީ އެކުންފުނީގެ އޭރުގެ ބޯޑު މެމްބަރުންގެ ގޮތުގައި ތިއްބެވި އަލީ ރަޝީދުއާއި އަލީ މުހައްމަދުގެ އިތުުރުން ޝާހިދު ސަލީމްގެ މައްޗަށް ވެސް ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވާފައެވެ.