25 Feb 2015, 20:58
އޮލިމްޕިކް ގޭމްސްގައި ދެ ފަހަރު ރިހި މެޑަލް ހޯދި ކުރީގެ ފަލިޖެހުންތެރިޔާ ނޭތަން ބޭގަލީ މަސްތުވާ ތަކެތީގެ ބާވަތެއް ކަމަށްވާ "މެތަމްފެޓަމިން" އުފައްދާ ކަމަށް އެއްބަސް ވެއްޖެ އެވެ.
އޭނާ މެތަމްފެޓަމިން އުފައްދާކަމަށް އެއްބަސްވެފައި ވަނީ އޮސްޓްރޭލިއާގެ ސިޑްނީގެ ކޯޓެއްގައި އެ މައްސަލައިގެ ދައުވާ އޭނާގެ މައްޗަށް އުފުލުމުން ނެވެ. އެ މައްސަލައިގައި އޭނާ ހައްޔަރުކޮށްފައި ވަނީ 2013 ވަނަ އަހަރުގެ ނޮވެންބަރު މަހު އޮސްޓްރޭލިއާގެ ފެޑަރަލް ޕޮލިހުންނެވެ.
މެތަމްފެޓަމިން އުފެއްދުމުގެ އިތުރުން މަސްތުވާތަކެތި ގެންގުޅުމާއި އުފެއްދުމާއި އެއްތަނުން އަނެއް ތަނަށް މަސްތުވާތަކެތި ޓްރާންސްޕޯޓް ކުރުމުގެ ދައުވާ ހިމެނޭ ގޮތަށް މުޅިއެކު ނުވަ ދައުވާއެއް އޭނާގެ މައްޗަށް ވަނީ އުފުލާފައެވެ. އަދި ނިއު ސައުތު ވޭލްސްގެ ޓްވީޑްސް ހެޑް އާއި ކުއީންސް ލޭންޑުގެ ގޯލްޑް ކޯސްޓްގައި މަސްތުވާތަކެތި އުފައްދާ ކުންފުނިތަކެއް ގާއިމްކޮށްފައިވާ ސިންޑިކޭޓަކާއި އޭނާއަށް ގުޅުން އޮތް ކަމަށްވެސް ޕޮލިހުން ވަނީ ބުނެފައެވެ.
ނޭތަން އަކީ 2004 ވަނަ އަހަރު ބޭއްވި އެތެންސް ގޭމްސްގައި 'ކޭ1' އަދި 'ކޭ2' ރޭހުގެ ދެވަނަ ހޯދި ފަލިޖެހުންތެރި އެކެވެ. ނަމަވެސް އެތުލީޓުންނަށް މަނާ ސްޓެރޮއިޑަކަށް 2005 ވަނަ އަހަރު އޭނާ ޕޮސިޓިވް ވުމުން، އިންޓަނޭޝަނަލް ކެނޯ ފެޑަރޭޝަނުން އޭނާ ވަނީ ސަސްޕެންޑު ކޮށްފައެވެ.