15 Feb 2011, 13:41
ރިޔާސީ އިންތިހާބާ ދިމާކޮށް ޒުވާނުންނަށް އަމާޒުކުރާ ކެމްޕޭން ދަތުރުތަކެއް "ކޮފީ ވިތް ޑީއާރްޕީ" ގެ ނަމުގައި އަންނަ ހަފުތާއިން ފެށިގެން ޑީއާރްޕީން ފަށާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.
ރިޔާސީ އިންތިހާބަށް ކެމްޕޭން ފެށުމުގެ ގޮތުން ޒުވާނުންނަށް އަމާޒުކޮށް "ކޮފީ ވިތު ޑީއާރްޕީ" ގެ ނަމުގައި ފަށާ ކެމްޕޭން ދަތުރުތަކާބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރު އަލީ ވަހީދު މިއަދު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބު ނިނުމާއެކު، ރިޔާސީ އިންތިހާބުގެ ކެންޕޭނަށް އިތުރުކުރާ ބޮޅެއްގެ ގޮތުގައި ޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވެސް ދަތުރުތަކުގައި ބައިވެރިވެ ވަޑައިގަންނަވަން ނިންމަވާފައިވާ ކަމަށެވެ. އެ ގޮތުން އަންނަ ހުކުރު ދުވަހު އއ. ތޮއްޑޫއަށް ދަތުރުކުރަން ހަމަޖެހިފައިވާ ކަމަށް މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވި އެވެ.
~
އޭނާ ވިދާޅުވި ގޮތުގައި ޕާޓީގެ 40،000 މެންބަރުންގެ ތެރެއިން އެންމެ ގިނައީ ޒުވާނުން ކަމަށް ވާއިރު، އެފަދަ ކެމްޕޭނެއް ކުރިއަށް ފެށުމުގެ ބޭނުމަކީ ސިޔާސީ ޕޯޑިއަމްތަކުގައި ވާހަކަދެއްކުމުގެ ބަދަލުގައި ޒުވާނުންނާ ގުޅޭ ގޮތަށް ހަރަކާތްތަކެއް ކުރިއަށް ގެންދިއުމެވެ.
ޑީއާރްޕީން އަތޮޅު ތަކަށް ކުރަން ނިންމާފައިވާ ދަތުރު ތަކުގައި އެކި ދާއިރާތަކުގެ ފަންނާނުންނާއެކު ޒުވާނުންނާ ގުޅުން ބަދަހިކޮށް ތަޖުރިބާ ހިއްސާ ކުރުމުގެ ފުރުސަތު ހުޅުވައިލާނެ އެވެ. އަލީ ވަހީދު ވިދާޅުވީ ކުޅިވަރާއި މުނިފޫހިފިލުވުމުގެ ދާއިރާގެ ފަރާތްތަކާ ވާހަދައްކާ މަޖާކޮށް، އެއްމޭޒެއްގެ ދޮށުގައި ކޮފީ ބުއިމުގެ ފުރުސަތު ތަނަވަސްކޮށްދޭނެ ކަމަށެވެ.
"ޑީއާރްޕީގައި ތިބި ރައްޔިތުންގެ އެކިއެކި ގިންތީގެ ޝަހުސިއްޔަތުތައް މެދުވެރިކޮށް ރަސްމީކޮށް އަދި ނުރަސްމީކޮށް ވެސް ރައްޔިތުންނާ ހިސާބަށް އެ މީހުން ގެންގޮސްދެވޭނެ. އަޅުގަނޑުމެން ކުރި ދަތުރުތަކަށް ބަލާއިރު، ޖަލްސާތަކަށް ސަޕޯޓުކުރާ މީހުންނާ ވާހަދައްކާ ކޮފީ މޭޒަށް ދާން ބުނުންވާ ޒުވާނުން ގިނަ. އެހެންވީމަ ސިޔާސީ މަސްރަހު އެކި ގޮތް ގޮތަށް މިއަދު އެބަޖެހޭ ބުނެދޭން."
ނޫސްވެރިންގެ އެ ބައްދަލުވުމުގައި ގައުމީ ޓީމްގެ މަޝްހޫރު ކުޅުންތެރިޔާ އައްސަދު އަލީ އާއި ކުރީގެ މަޝްހޫރު ޓޭބަލް ޓެނިސް ކުޅުންތެރިޔާ ތާޅަފިލި އަލިބެ ވެސް ބައިވެރިވި އެވެ.