25 Feb 2015, 18:18
ލަންޑަން (ފެބްރުއަރީ 25) : ހަނގުރާމައިގެ ޖަރީމާތަކުން ކުށެއް ނެތް އާންމުން ޙިމާޔަތް ކުރުމުގައި ލަދުވެތިވާންޖެހޭ މިންވަރަށް ބައިނަލް އަގްވާމީ މުޖްތަމަޢު ފޭލްވެފައިވާ ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލުން ބުނެފި އެވެ.
ލަންޑަންގައި މަރުކަޒު ހުންނަ އެ ޖަމްޢިއްޔާ އިން ނެރުނު އަހަރީ ރިޕޯޓްގައި ބުނެފައި ވަނީ ހަނގުރާމަވެރި ޖަމާއަތްތައް ކޮންޓްރޯލް ކުރުމުގައި އދ. ފޭލްވެފައިވާ ކަމަށާއި ދުނިޔޭގެ ބޮޑެތި ބާރުތަކަށް އދ. ގެ ސަލާމަތީ މަޖިލީހުގައި ލިބިފައިވާ ވީޓޯގެ ބާރު އެ ގައުމުތަކުން ބޭނުން ކުރަމުން ގެންދަނީ ބައިނަލްއަގްވާމީ އަމަނާއި ސުލްޙަ ގާއިމް ކުރުމަށް އިސްކަންދިނުމުގެ ބަދަލުގައި އެ ގައުމުތަކުގެ ސިޔާސީ އަދި އިގްތިސާދީ މަސްލަޙަތު ޙިމާޔަތް ކުރުމަށް ކަމުގަ އެވެ.
އެ ރިޕޯޓްގައި ވީޓޯ ކުރުމުގެ ބާރު އދ. ގެ ނިޒާމުން އުވާލުމަށް ވެސް އެމްނެސްޓީން ގޮވާލާފައިވެ އެވެ. އެމްނެސްޓީގެ އެ ދިގު ރިޕޯޓުގައި ބުނެފައިވާ ގޮތުން 165 ގައުމެއްގައި އާންމުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގާފައިވެ އެވެ. ނަމަވެސް އެ ރިޕޯޓްގައި އައިއެސް އާއި ބޯކޯ ހަރާމް އާއި އަލްގާއިދާ ފަދަ ހައްދުފަހަނަޅާފައިވާ އަނިޔާވެރި ޖަމާއަތްތަކުން ކުށެއް ނެތް އާންމުންނާ ދެކޮޅަށް ހިންގާފައިވާ ޖަރީމާތަކަށް ފުޅާދާއިރާއެއްގައި ބަލާލާފައިވާއިރު އެމެރިކާ އާއި އިސްރާއީލުފަދަ ގައުމުތަކުން ކުށެއް ނެތް މީހުންނާ ދެކޮޅަށް ހިންގާ ސްޓޭޓް ޓެރަރިޒަމްގެ އަމަލުތަކުގެ މައްޗަށް އެކަށީގެންވާ ގޮތެއްގައި އަލިއަޅުވާލާފައި ނުވާކަމަށް މުރާސިލުން ބުނެ އެވެ.
ޚާއްސަކޮށް އެމެރިކާ ޕާކިސްތާނާއި އަފްޣާނިސްތާނާއި ޔަމަނަށް ދޭ ވައިގެ ހަމަލާތަކުގައި މަރާލާ ކުށެއް ނެތް މީހުންނަށްވުރެ ބޮޑަށް އައިއެސްފަދަ ހަރުކަށި ޖަމާއަތްތަކުން މަރަމުން ގެންދާ ކުށެއް ނެތް މީހުންގެ ވާހަކަ އެ ރިޕޯޓްގައި މާ ތަފްސީލްކޮށް ގެނަސްފައިވާކަން މުރާސިލުން ފާހަގަކޮށްފައިވެ އެވެ. މީގެއިތުރުން އައިއެސްއާ ދެކޮޅަށް އެމެރިކާއި އެމެރިކާގެ ބައިވެރިން ދެމުން ގެންދާ ހަމަލާތަކުގައި އިރާގާއި ސޫރިޔާގެ އާންމުން މަރުވާ މައްސަލައަށް ވެސް މިރިޕޯޓްގައި އެކަށީގެންވާ ގޮތެއްގައި ބަލާލާފައިނުވާ ކަމަށް ޚަބަރުތައް ބުނެއެވެ.
ހަނގުރާމައިގެ ހާލަތްތަކުގައިވެސް އާންމުންނާއި ހަނގުރާމަވެރިން ވަކިނުކޮށް ހަމަލާދީ އާންމުން މެރުމަކީ ހަނގުރާމައިގެ ޖަރީމާކަމަށްވާއިރު އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކަކީވެސް ހަނގުރާމައިގެ ޖަރީމާ ހިންގާ ގައުމުތައްކަން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެހެން ޖަމާއަތްތަކުން ފާހަގަކޮށްފައިވެއެވެ. ދުނިޔޭގައި ނުރައްކާތެރި ޓެރަރިޒަމްގެ އަމަލުތައް ހިންގަނީ ހަމައެކަނި އައިއެސް އާއި އަލްގާއިދާއާއި ސޮމާލިޔާގެ އައްޝަބާބް މޫމެންޓާއި ތާލިބާން ޖަމާއަތުން އެކަނިނޫންކަމަށްވާތީ އެމެރިކާއާއި އިސްރާއީލަކީވެސް ކުށެއްނެތް އާންމުންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާ ހިންގުމާއި ސްޓޭޓް ޓެރަރިޒަމް ހިންގާ ކަމަށް ތުހުމަތު ކުރެވިފައިވާ ދެގައުމެވެ. އަދި މިދެގައުމުން ހިންގާ ސްޓޭޓް ޓެރަރިޒަމްގެ އަމަލުތަކަށް ވާގިވެރިވާކަމުގެ ތުހުމަތު ޔުރަޕްގެ ގައުމުތަކުގެ މައްޗަށް ކުރެވިފައިވެއެވެ.
މި ރިޕޯޓް ބުނާގޮތުން މިދިޔައަހަރު ރެފިއުޖީންގެ ގޮތުގައި 50 މިލިއަނަށްވުރެ ގިނަމީހުންވަނީ ހާލުގައި ޖެހިފައެވެ. މިއީ ދެވަނަ ބޮޑުހަނގުރާމަ އަށްފަހު ރެފިއުޖީންގެ އަދަދު މިހާމައްޗަށް އެރިފުރަތަމަ ފަހަރުކަންވެސް ކަށަވަރުކޮށްދީފައިވެއެވެ. ރެފިއުޖީންގެ ޙައްގުތަކަށް އިޙްތިރާމް ނުކުރުމުގެ ޒިންމާ ޔޫރަޕްގެ ގައުމުތަކުން އުފުލަންޖެހޭކަމަށާ މިއީވެސް އިންސާނީ ހައްގުތަކަށް އަރައިގަތުންކަމަށް މިރިޕޯޓްގައި ސިފަކޮށްފައިވެއެވެ. (ނޫސްއެޖެންސީތައް)