މިފަހަރުގެ އޭއެފްސީ ކަޕްގައި ރާއްޖެ ތަމްސީލުކުރާ ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ކުޅުނު ފުރަތަމަ މެޗު ރަށުން ބޭރުގައި ކުޅެ ދެޓީމުވެސް ބަލިވެއްޖެ އެވެ.

ނިއު މިއަދު ކުޅުނު މެޗުން ތަފާތު ބޮޑު ނަތީޖާއަކުން ބަލިވީ، އިންޑޮނޭޝިއާގެ ޕާސިބް ބަންޑުންއާ ދެކޮޅަށް ކުޅެއެވެ. އަދި ރޭ ކުޅުނު މެޗުން މާޒިޔާ ބަލިވީ އިންޑިއާގެ ބެންގަލޫރު އެފްސީއާ ވާދަކޮށެވެ.

އިންޑޮނޭޝިއާގައި ކުޅުނު ގްރޫޕް "އެޗް"ގެ މެޗުން ނިއު ބަލިވީ 4-1 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ލަނޑު ބަންޑުން އިން ކާމިޔާބު ކުރީ ފުރަތަމަ ހާފުގެ 15 މިނެޓުގައި އަހުމަދު ޖުފްރިޔަންތޯ އެވެ. އޭގެ ފަހުންވެސް ބަންޑުން ފުރަތަމަ ހާފުގައިވަނީ ދެ ލަނޑު ޖަހައި ތިން ލަނޑުގެ ލީޑެއް ނަގާފައެވެ.

މެޗުގައި ނިއުއަށް ކާމިޔާބުކުރެވުނު ހަމަ އެކަނި ލަނޑު މެޗުގެ 60 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އަޝްހަދު އަލީ (އަޑުބަރޭ) އެވެ. އަޑޭގެ އެ ލަނޑާއެކު ނިއުގެ ކުޅުން ރަނގަޅު ކުރިއެވެ.

ނަމަވެސް މެޗުގެ ފަހުވަގުތުގައި ބަންޑުން އިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 4-1 އަށް ބަދަލުކޮށްފައެވެ. ބަންޑުންގެ އެ ލަނޑު އެޓީމަށް ޖަހައިދިނީ ޓީމުގެ ފޯވާޑު ޔަންޑީ މުނައްވަރެވެ.

މުބާރާތުގެ ގްރޫޕް "އީ"ގައި ރޭ ރާއްޖޭގެ މާޒިޔާ އިންޑިއާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗުން ބަލިވީ 2-1 އިން ނެވެ.

އިންޑިއާގެ ބެންގަލޫރު އެފްސީ އަތުން 2-1 އިން މާޒިޔާ ބަލިވި މެޗުގެ ތެރެއިން -- ފޮޓޯ: ދަ ހިންދޫ

މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނެގީ ވެސް ބެންގަލޫރުންނެވެ. ބެންގަލޫރުގެ ފުރަތަމަ ލަނޑު އެޓީމް ކާމިޔާބުކުރީ، ދެވަނަ ހާފުގެ 67 ވަނަ މިނިޓްގައި ކެޕްޓަން ސުނިލް ޗެޓްރީ އެވެ. އެހެން ނަމަވެސް މާޒިޔާއަށް ދެވަނަ ފަހަރަށް މެޗުގެ ތެރެއަށް ވަނުމަށް ފުރުސަތު ލިބުނީ ބެންގަލޫރުގެ ޕެނަލްޓީ އޭރިޔާ ތެރެއިން އެޓީމުގެ އިންގްލިޝް ސެންޓަރބެކް، ޖޯން ޖޯންސަންގެ އަތުގައި ޖެހުމުން އެޓީމަށް ޕެނަލްޓީއެއް ލިބުމުންނެވެ. މާޒިޔާއަށް ލިބުނު ޕެނަލްޓީން 89 ވަނަ މިނިޓްގައި އެޓީމަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ ފޯވާޑް މުޙައްމަދު އުމައިރު އެވެ.

މާޒިޔާއިން ނަތީޖާ ހަމަހަމަ ކުރި ނަމަވެސް ބެންގަލޫރުން ވަނީ މެޗުގެ އިތުރު ވަގުތުގައި އެޓީމުކޮޅަށް ނަތީޖާ އަނބުރާލައިފައެވެ. އެލަނޑު 93 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ޝަންކަރު ޝަމްޕިންގިރާޖް އެވެ.

ގްރޫޕް ސްޓޭޖް ގައި މާޒިޔާ ކުޅޭ ދެވަނަ މެޗުގައި އެޓީމު ވާދަކުރާނީ ސިންގަޕޫރުގެ ވޮރިއާސްއާއެވެ. އެ މެޗު ކުޅޭނީ އަންނަ މަހުގެ 10 ވަނަ ދުވަހު މާލޭ ގައުމީ ފުޓްޅަ ދަނޑުގައެވެ. އަދި ނިއު ކުޅޭ ދެވަނަ މެޗުގައި އަންނަ މަހުގެ 11 ވަނަ ދުވަހު ގައުމީ ފުޓްބޯޅަ ދަނޑުގައި އެޓީމު ވާދަކުރާނީ ލާއޮސްގެ ލާއޯ އެފްސީއާ ދެކޮޅަށެވެ.