ބާތްލިހަމް (އޭޕީ) -- ފަލަސްތީނުގެ ސަރަހައްދުގައި އިސްރާއީލު ސިފައިން ހިނގި އޮޕަރޭޝަނެއްގައި ފަލަސްތީނުގެ ޒުވާނަކު ބަޑިޖަހައި މަރާލައިފި އެވެ.

ފަލަސްތީނުގެ ހުޅަނގަށް އޮންނަ ބާތްލިހަމް ސިޓީގެ ގަވަރުނަރު ޖެބްރެން އަލް ބަކްރީ ވިދާޅުވީ، ޖިހާދު އަލް ޖަފާރީ ނަމަކަށްކިޔާ 19 އަހަރުގެ އެ ޒުވާނާއަށް ހަމަލާދީފައިވަނީ އިސްރާއީލް ސިފައިން ހިންގި އޮޕަރޭޝަނެއް ބަލަން ދިހެއިޝާ ރެފިއުޖީ ކޭމްޕުގައި ހުންނަ އޭނާގެ ގޭގެ ފުރާޅު މަތީގައި އިންދާ ކަމަށެވެ. އަދި މަރާލާފައި ވަނީ އޭނާގެ މެޔަށް ބަޑި ޖަހައިގެން ކަމަށް ވެސް ގަވަރުނަރު ވިދާޅުވި އެވެ.

ނަމަވެސް އިސްރާއީލުގެ ސިފައިން ވަނީ އެކަން ދޮގުކޮށްފަ އެވެ. އިސްރާއީލުގެ ސިފައިން ބުނެފައި ވަނީ ރޭ ފަލަސްތީނުގެ ސަރަހައްދުގައި ހިނގަމުންދިޔައީ އާދައިގެ މަތިން އެ ފަރާތުން ހިންގަމުންދާ އޮޕަރޭޝަނެއް ކަމަށެވެ.

ނަމަވެސް ރޭގެ އޮޕަރޭޝަނުގައި ރެފިއުޖީ ކޭމްޕުގެ ތެރެއިން އިސްރާއީލު ސިފައިންގެ ގަޔަށް ގަލާއި އަލިފާންބޮން އުކި ކަމަށާއި ހަމަލާދިނީ އެކަމުން ރެކެން މަސައްކަތްކޮށް، އަމިއްލަ ނަފްސަށް ނުރައްކާ ވެދާނެތީ ކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން، ރޭގެ ހަމަލާގައި އިސްރާއީލުގެ ސިފައިންގެ މީހަކަށްވެސް ކުދިކުދި ޒަހަމްތަކެއްވި ކަމަށް އިސްރާއީލުން ބުނެއެވެ. ހަނގުރާމަވެރިން ހޯދުމަށް ކަމަށްބުނެ އިސްރާއީލުގެ ސިފައިން އަންނަނީ ޕަލަސްތީނުގެ ހުޅަނގުގައި ދަންވަރު ހާއްސަ އޮޕަރޭޝަންތަކެއް އާއްމުކޮށް ހިންގަމުންނެވެ.