25 Feb 2015, 17:48
ރާއްޖޭގައި މިހާރު ކުރިމަތިވެގެން އުޅޭ ސިޔާސީ މައްސަލަ ހައްލުކުރުމުގެ ގާބިލުކަން ދިވެހި ސަރުކާރުގައި ހުންނާނެ ކަމަށް ގަބޫލު ކުރާ ކަމަށް ޗައިނާއިން ބުނެފި އެވެ.
"ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރުކުރުމާ ގުޅިގެން ރާއްޖޭގައި އުފެދިފައިވާ ނުތަނަވަސްކަމާ މެދު ޗައިނާއިން ކަންބޮޑުވޭތޯ"، ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ ގައުމުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ލީ ހޮން ވިދާޅުވެފައި ވަނީ އެއީ ރާއްޖޭގެ ދާޚިލީ މައްސަލައެއް ކަމަށެވެ. އިންޑިއާގެ އިންޑިއާ ޓްޑޭ ނޫހުން ބުނީ ރާއްޖޭގެ ހާލަތާ ބެހޭ ގޮތުން ލީއާ ސުވާލު ކުރީ ޗައިނާގެ ފޮރިން މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްކޮންފަރެންސެއްގައި ކަމަވެ.
"... އަހަރެމެން މިތިބީ އެހެން ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަނުމަށް ގަސްދުކޮށްގެން. އަހަރެމެން ގަބޫލުކުރާ ގޮތުގައި މައްސަލަ ހައްލު،ކުރުމުގެ ގާބިލުކަން ދިވެހި ސަރުކާރުގައި ހުންނާނެ،" ލީ ވިދާޅުވި ކަމަށް ނޫހުގައި ވެއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެމަނިކުފާނު ހައްޔަރުކުރުމުގެ ބައެއް ގައުމުތަކާއި ޖަމިއްޔާ ޖަމާއަތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ކަންބޮޑުވުން ފާޅުކުރި ގައުމުތަކުގެ ތެރޭގައި އިންޑިއާއި އެމެރިކާއާއި ކެނެޑާއާއި އިނގިރޭސިވިލާތް ހިމެނެއެވެ. ކަންބޮޑުވުން ފާޅުކުރި ޖަމާއަތްތަކުގެ ތެރޭގައި ޔޫރަޕިއަން ޔޫނިއަން ( އީޔޫ) އާއި ކޮމަންވެލްތު ހިމެނެއެވެ.