ކުދި އާބާދީތައް ހިމެނޭ ރަށްރަށުގެ ރައްޔިތުންގެ ތެރެއިން ހުޅުމާލެ އަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް ހައުސިން ޔުނިޓް ނުވަތަ ފްލެޓް ހުޅުމާލެއިން ދިނުމުގެ އިންތިޒާމް ހަމަޖައްސާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހައުސިން މިނިސްޓްރީން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ސަން"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. މުއިއްޒު ވިދާޅުވީ ހުޅުމާލެ އަށް ބަދަލުވާ ރަށްތަކުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުވައި ދިނުމުގެ ކަންތައްތައް ފައިނަލް ކުރާނެ ގޮތަކާއި ބެހޭ ގޮތުން އެކި ފަރާތްތަކާއި މަޝްވަރާކުރަމުންދާކަމަށެވެ.

"ފްލެޓްތައް ނޫނިއްޔާ ހައުސިން ޔުނިޓްތައް ލިބޭނެ ގޮތާއި އެއަށް މިސާލަކަށް އަގު ދައްކަންޖެހޭ ގޮތާއި، އެކަން ކަނޑައަޅާނެ ގޮތާއި މިހެން ގޮސް ހުރިހާ ތަފްސީލެއް، އަޅުގަނޑުމެން ކަމާއި ބެހޭ އެކި ފަރާތްތަކާއި މަޝްވަރާ ކުރުމަށްފަހު ކަނޑައަޅާނަން،" ޑރ. މުއިއްޒް ވިދާޅުވި އެވެ.

ހުޅުމާލެ އަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް ރަސްމީކޮށް އެ ފުރުސަތު ހުޅުވާލާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. ނަމަވެސް މިހާރު ގިނަ ރަށްތަކުން ހުޅުމާލެ އަށް ބަދަލުވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ކަމަށް މިނިސްޓަރު މުއިޒް ވިދާޅުވިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހި ހިއްކުމުގެ މަޝްރޫއުގެ 75 އިއްސައްތަ މިހާރު ނިމިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. އަދި ހުޅުމާލެ ހިއްކުމުގެ މަސައްކަތް ތިން ހަފްތާތެރޭ ނިމޭނެ ކަމަށް ހައުސިން އިން ބުނެއެވެ. އަދި ހުޅުމާލޭގައި ދެވަނަ ފިޔަވަހީގެ ދަށުން ހިއްކި ސަރަހައްދުގައި ހައުސިން މަޝްރޫއުތައް މިއަހަރު ފަހުކޮޅު ފެށޭނެ ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުނެއެވެ.