15 Feb 2011, 13:03
ދުނިޔެ ހޫނުވުމުގެ ސަބަބުން އިންސާނުންގެ މެދުގައި ލޭއޮހޮރުވުމާއި ހަމަނުޖެހުންތައް ކައިރި މުސްތަގުބަލެއްގައި އުފެދިދާނެ ކަމުގެ އިންޒާރު އެކްޓިން ފޮރިން މިނިސްޓަރު އަދި މިނިސްޓަރު އޮފް ހައުސިންގް އެންޑް އެންވަޔަރަމަމަންޓް މުހަންމަދު އަސްލަމް ދެއްވައިފި އެވެ.
ހަމަނުޖެހުންތަކާއި ހަނގުރަމާތަކާ ގުޅުން ހުރި ގާނޫނުތައް ކަމަށްވާ އިންޓަނޭޝަނަލް ހިއުމެނިޓޭރިއަން ލޯ (އައިއެޗްއެލް) އާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށްޓަކައި ބާއްވާ ސަރަހައްދީ ބައްދަލުވުން ފެށުމުގެ ގޮތުން ހޯމަ ދުވަހުގެ ރޭ ޓްރޭޑާސް ހޮޓަލްގައި ބޭއްވި ރަސްމިއްޔާތު ޝަރަފް ވެރިކޮށްދެއްވަމުން އަސްލަމް ވިދާޅުވީ ދުނިޔެ ހޫނުވުމުން ކަނޑުގެ ލޮނުގަނޑު އުފުލި ބައެއް ގައުމުތައް ނެތިގެން ދާނެ ކަމަށެވެ. އަދި އެގައުމުތަކުގެ ރައްޔިތުން އެހެން ގައުމުތަކަށް ރެފިއުޖީންގެ ގޮތުގައި ހިމާޔަތް ހޯދަން ފެށުމުން ތަފާތު މައްސަލަތަކާ ކުރިމަތިވެގެން ދާނެ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.
"މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރު ބައެއް ގައުމުތަކަށް ބޮޑުވާނެ. އެފަދަ ހާލަތެއް ކުރިމަތިވެއްޖެ ނަމަ ވަސީލަތްތައް ހޯދުމަށްޓަކައި އެއް ބަޔަކު އަނެއް ބަޔަކަށް ކުރިމަތިލާނެ. އެއް ތަނުން އަނެއް ތަނަށް ހިޖުރަކުރާނެ. އެކަމާ ދެކޮޅަށް ވެސް ބަޔަކު ތެދުވާނެ. އެކަމުގެ ސަބަބުން އުފެދޭނީ ހަމަނުޖެހުން، ހަނގުރާމަ،" އަސްލަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މައްސަލަތައް ނިކުންނާނީ އިންސާނުންގެ މެދުގައި ހުރި ތަފާތު ހިޔާލުތަކުގެ ސަބަބުން ކަމަށެވެ. އެގޮތުން އޭނާ ފާހަގަކުރެއްވީ ތަފާތު ދީންތަކާއި ބަހުރުވަ އާއި އަދި ސަގާފަތުގެ މީހުން އެކުވެ ލާމެހުމުގެ ސަބަބުން އިންސާނުންގެ މެދުގައި ހަމަނުޖެހުންތަކެއް އުފެދިގެން ހިނގައިދާނެ ކަމަށެވެ.
މި މަހުގެ 14 އިން ފެށިގެން ތިން ދުވަހުގެ މުއްތަދަށް ކުރިއަށްދާ އެ އެ ކޮންފަރެންސްގައި ހުރިހާ މެންބަރު ގައުމުތަކުން ވެސް މޫސުމަށް އަންނަ ބަދަލުތަކުން އިންސާނުންގެ މެދުގައި އުފެދިދާނެ ހަމަނުޖެހުންތަކަށް ހައްލުހޯދުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އަސްލަމް މެންބަރު ގައުމުތަކުގެ ކިބައިން ވެސް އެދިވަޑައިގަތެވެ.
ސާކުގެ އަށް ގައުމުގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވާ އެ ކޮންފަރެންސުގައި ދެކުނު އޭޝިޔާގެ ދެ ގައުމަކުން ވެސް މަންދޫބުން ބައިވެރިވެ އެވެ.
ބައްދަލުވުން އިންތިޒާމުކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް (އައިއެފްއާރުސީ)ގެ ރީޖަނަލް ލީގަލް އޮފިސަރު، ކްރިސްޓޮފާ ހާލަންޑް ވިދާޅުވީ އައިއެޗްއެލްޑީގެ ބައިނަލްއަގުވާމީ މުއާހަދާތަކަށް ގައުމުތައް އަހުލުވެރި ކުރުވުމާއި އެ މުހާދާތަކުގައި ގައުމުތައް ބައިވެރިވުމަށް ބާރުއެޅުން ކަމަށެވެ. އަދި އެ މުއާހަދާތަކުގައި ބައިވެރިވެފައިވާ ގައުމުތަކަށް އެ މުއާހަދާތައް ތަންފީޒުކުރުމަށް އެ ކޮންފަރެންސްގައި ބާރުއަޅުއްވާނެ ކަމަށް ވެސް ހާލަންޑް ވިދާޅުވި އެވެ.
މީގެ ކުރިން ދެ ފަހަރެއްގެ މަތިން ނޭޕާލް އާއި ބަންގްލަދޭޝްގައި ބޭއްވި ކޮންފަރެންސްގައި ރަނގަޅު ކުރިއެރުތަކެއްލިބި ބިނާކުރަނިވި މަޝްވާރާތަކެއް ކުރެވުނުކަން ހާލަންޑް ފާހަގަކުރެއްވި އެވެ.
އެ ކޮންފަރެންސް ނިމޭނީ މި މަހުގެ 16 ވަނަ ދުވަހު އެވެ.