ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކޯޓަށް ހާޒިރު ކުރި ވަގުތު ރައީސް ނަޝީދަށް އަނިޔާވި ކަމަށް ބުނާ މައްސަލަ ދިރާސާ ކުރުމަށް ބޭއްވި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމިޓީ)އަށް އެމްޑީޕީ-ޖޭޕީގެ މެމްބަރުން ހާޒިރުނުވުމުން ކޮމިޓީގެ ބައްދަލުވުން ނިންމާލައިފި އެވެ.

މިއަދު ހަވީރު އޮތް 241 ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އަދި ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ ރައީސް ނަޝީދަށް އަނިޔާ ކުރި ކަމަށް ބުނާ މައްސަލަ އަކީ "ސީރިއަސް" މައްސަލައެއް ކަމަށެވެ. އަދި އެކަން މީޑިއާތަކުން ވެސް ފެނިގެން ދިޔަ ކަމަށާއި ނަމަވެސް މީޑިއާތަކުން ހަމަ ފެންނަ އެއްޗެއް ގަަބޫލު ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ނިހާން ވިދާޅުވި އެވެ.

"ފުލުހުންގެ ފަރާތުން ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް ފުލުހުން އަނިޔާ ކުރި ކަމަށް ބުނާ މައްސަލަ ބަލަން އެބަޖެހޭ. ހަމަ ވީ އެންމެ އަވަހަކަށް ބަލަނަ އެބަޖެހޭ. ބައެއް ފަރާތްތަކުން އެބަ ތުހުމަތު ކުރޭ މިކަމަކީ ސަރުކާރުން ކުރާ ކަމެކޭ ވެސް. މިނިވަން މުސްތަގިއްލު ޕްރޮސިކިއުޓާ ޖެނެރަލެއް ހުރެމެ އެތަނުން ކުރާ ދައުވާ ތަކަކީވެސް ސަރުކާރުން ކުރާ ދައުވާތަކެކޭ ވެސް އެބަ ބުނޭ،" ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ ރައީސް ނަޝީދަށް އަނިޔާ ކުރި ކަމަށް ބުނާ މައްސަލާގައި ފުލުހުންގެ އެންމެ އިސް ފަރާތެއް ހާޒިރުކޮށް ކަން ހިނގާ ދިޔަގޮތް ސާފުކޮށް ކޮމިޓީއާ ހިއްސާ ކުރުމަށް ހުށަހަޅާ ކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ޕާލިމަންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ވިލިފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވީ ނަޝީދަށް އަނިޔާ ކުރި ކަމަށް ބުނާ މައްސަލާގައި އެވާހަކަ އެންމެ ހަރު އަޑުން ދައްކަމުންދާ އެމްޑީޕީ-ޖޭޕީގެ މެމްބަރުން ނެތުމުން ހިތާމަ ކުރައްވާ ކަމަށެވެ.

"އަޅުގަނޑު ހިތާމަ ކުރަން އެބޭފުޅުން މިތާ ނެތީމަ. މިހާރު އެބޭފުޅުން އެ ދައްކަވާ ވާހަކައާ މެދު ސުވާލު އުފެދޭ. އެހެންވީމަ އަޅުގަނޑު ހުށަހަޅަން އެމްޑީޕީ-ޖޭޕީ ގެ މެމްބަރުން ހާޒިރު ކުރުމަށްފަހު މި މައްސަލައާގެން އުޅެން،" ރިޔާޒު ވިދާޅުވި އެވެ.

ކޮމިޓީ ނިންމާލައްވަމުން ކޮމިޓީގެ މުގައްރިރު ކެނދިކުޅުދޫ ދާއިރާގެ އެމްޑީއޭ މެމްބަރު އަލީ މައުރޫފު ވިދާޅުވީ ހުށަހެޅިފައިވާ ދެ ހުށަހެޅުމައިގެން ކުރިއަށް ދާނީ އެމްޑީޕީ-ޖޭޕީ މެމްބަރުން ކޮމިޓީއަށް ހާޒިރުވުމުން ކަމަށެވެ.

ފުލުހުން ބުނީ ރައީސް ނަޝީދު ކޯޓަށް ގެންނެވުމުން ބައެއް މީޑިއާތަކުން ރައީސް ނަޝީދާ ސުވާލު ކުރަން މަސައްކަތްކުރެއްވި ކަމަށެވެ. އަދި އެއަށް ފަހު "އެމަނިކުފާނު ކޯޓަށް ވެދެވަޑައިގަތުމާ ދެކޮޅު ހައްދަވައި އަމިއްލަ ފުޅަށް ވެއްޓިވަޑައިގަނެ ގަދަ ދައްކަވަން ފެއްޓެވި" ކަމަށެވެ.

ނަމަވެސް ރައްކާތެރިކަމާ އެކު ފުލުހުން އެމަނިކުފާނު ކޯޓު ތެރެއަށް ގެންގޮސްފައިވާ ކަމަށް ވިދާޅުވެ، ރައީސް ނަޝީދު ކޯޓުތެރެއަށް ވެއްދުމަށް އެމަނިކުފާނަށް ފުލުހުން ގަސްތުގައި އަނިޔާކޮށްފައިވާ ކަމަށް ކުރާ ތުހުމަތުތައް ދޮގުކުރެއްވި އެވެ.