ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ނާޒިމްގެ ބަންދާމެދު ގޮތެއް ނިންމާފައި ވަނީ އޭނާގެ މައްޗަށް ދައުލަތުން ކުރާ ޖިނާއީ ދައުވާގެ ޝަރީއަތަށްފަހު ބޭއްވި މުއްދަތު މަޖިލީހެއްގައެވެ.

މުއްދަތު މަޖިލީހަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނާޒިމްގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވީ ނާޒިމްގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކުރި އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ރާއްޖެއަށް ގެނައުން މަނާތަކެތީގެ ގާނޫނުގެ 2 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ އެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.