25 Feb 2015, 16:55
ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ ގެއިން ހަތިޔާރާއެކު ފެނުނު ޕެންޑްރައިވްގައި ހުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި ނާޒިމް އިސްވެ ހުންނަވައި "ވިލާއިން ފަންޑްކޮށްގެން" ދައުލަތުގެ އިސްވެރިންތަކަކަށް ހަމަލަދޭން ރާވާފައިވާ ކަމަށް ދައުލަތުން މިއަދު ކްރިމިނަލް ކޯޓުގައި ބުނެފިއެވެ.
ނާޒިމްގެ މައްޗަށް ކުރާ ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގެ ދައުވާއާ ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލު ވިދާޅުވީ "ވިލާއިން ފަނޑުކޮށްގެން" ދައުލަތު އިސްވެރިންނަށް ނުރައްކާތެރި ހަމަލާތަކެއް ދިނުމަށް "އިންޑިވިޑުއަލް އަދި ޖޮއިންޓް" ޓާސްކުތަކެއް ރާވާފައިވާކަން ނާޒިމް ނިދާކޮޓަރީގެ ކަބަޑެއްގެ ތެރޭގައި އޮތް ދަބަހަކުން ފެނުނު ޕެންޑްރައިވްގައި ހުރި މައުލޫމާތުތަކުން އެނގުނު ކަމަށެވެ.
ވަކީލު ވިދާޅުވީ މިދިޔަ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހުގެ ރޭ ދަންވަރު 3:50 އެހާކަންހާއިރު ކޯޓު އަމުރެއްގެ ދަށުން ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓް ބަލައިފާސްކުރި އިރު އޭނާ ނިދާ ކޮޓަރީގެ އެނދުކައިރީ ކަބަޑުން ފިސްތޯލައަކާ ތިން ވަޒަން ފެނިފައިވާ ކަމަށެވެ.
އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ރާއްޖެއަށް ގެނައުން މަނާތަކެތީގެ ގާނޫނުގެ 2 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ އެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.
ދައުވާއަށް ޖަވާބުދާރީވުމަށް ފުރުސަތު އެރުވުމުން ނާޒިމް ވިދާޅުވީ ދައުވާއަށް އިންކާރުކުރާ ކަމަށާއި މައްސަލަ ކުރިއަށް ގެންދަން ބޭނުންވަނީ ވަކީލެއްގެ އެހީތެރިކަމާ އެކު ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ކުރިއަށް ގެންދިޔައީ ނާޒިމްގެ ވަކީލު މައުމޫން ހަމީދުގެ ވެސް ހާޒިރުގައެވެ. އެހެންނަމަވެސް ވަކީލެއްގެ ގޮތުގައި އޭނާ ހަމަޖެއްސުމަށްޓަކައި ކޯޓުން ފުރިހަމަކުރަންޖެހޭ އިންތިޒާމްތައް ހަމަޖެއްސިފައިނުވާތީ މައުމޫން ހަމީދަށް ޝަރީއަތުގައި ވާހަކަދެއްކުމުގެ ފުރުސަތު ދެއްވާފައެއް ނުވެއެވެ.
ނާޒިމްގެ މައްސަލަ ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެ ބެންޗުގައި ތިއްބަވަނީ ގާޒީ އަބްދުﷲ ދީދީ އާއި ގާޒީ އަބްދުލް ބާރީ ޔޫސުފާއި ގާޒީ ސުޖާއު އުސްމާނެވެ. އެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ ގާޒީ އަބްދުލް ބާރީ ޔޫސުފެވެ.