ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ އަނބިކަނބަލުން، ގ. އެނިފް، އަފާފް އަބްދުލް މަޖީދުގެ މައްޗަށް ދައުލަތުން ކުރި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ދައުވާ އަނބުރާ ގެންގޮސްފިއެވެ.

މިއަދު ހަވީރު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލު ވިދާޅުވީ ކުރިން ނިންމާފައި އޮތީ ނާޒިމްއާ އޭނާގެ އަނބިކަނބަލުންގެ މައްޗަށް ދައުވާ ކުރުމަށް ކަމަށާއި ކޯޓަށް މައްސަލަ ހުށަހެޅީ ވެސް އެދެކަނބަލުންގެ މައްޗަށް ދައުވާ ކުރުމަށް ކަމަށެވެ.

އެހެންނަމަވެސް ދާދިފަހުން ފުލުހުންގެ ތަހުގީގުން އެނގުނު ގޮތުގައި ނާޒިމް ނިދާކޮޓަރީގެ ކަބަޑެއްގައި އޮތް ދަބަހަކުން ފިލްތޯލަކާއި ތިން ވަޒަނަކާއެކު ފެނުނު ޕެންޑުރައިވްގައި ހުރި މައުލޫމާތުތަކުން ނާޒިމް އިސްވެހުންނަވައި "ވިލާއިން ފަނޑުކޮށްގެން" ދައުލަތު އިސްވެރިންނަށް ނުރައްކާތެރި ހަމަލާތަކެއް ދިނުމަށް "އިންޑިވިޑުއަލް އަދި ޖޮއިންޓް" ޓާސްކުތަކެއް ރާވާފައިވާކަން އެނގިފައިވާތީ އަނބިކަނބަލުންގެ މައްޗަށް ދައުވާ ނުކުރަން ނިންމީ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ރާއްޖެއަށް ގެނައުން މަނާތަކެތީގެ ގާނޫނުގެ 2 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ އެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.