ޔަހޫދީ ދައުލަތުން ހިފާފައިވާ ފަލަސްތީނުގެ ބައިތުލަހަމްގެ ކައިރީގައިވާ އަވަށެއްގައި ހުރި މިސްކިތެއްގައި ޔަހޫދީންގެ ބަޔަކު ހުޅުޖަހައި އެމިސްކިތުގެ ބައެއް އަންދާލައިފި އެވެ.

ފަލަސްތީނުގެ މައާން ނިއުސް އެޖެންސީ ބުނީ ބައިތުލަހަމްގެ ކައިރީގައިވާ އަލް ޖަބާ ނަމަކަށް ކިޔާ އަވަށުގައި ހުރި އެ މިސްކިތުގައި ހުޅުޖަހާފައި ހުރިކަން އެނގުނީ ރޭ ފަތިހު މީހުން ފަތިސް ނަމާދަށް އައުމުން ކަމަށެވެ. އަދި މިސްކިތުގައި ރޯވެފައި ހުރި އަލިފާން ނިއްވައިލީ ނަމާދަށް އައި މީހުންނާއި އެހިސާބުގައި ދިރިއުޅޭ މީހުން ކަމަށް އެނޫހުން ބުންޏެވެ.

މިސްކިތުގެ ބައެއް އަނދާފައި ހުރިއިރު، އަރަބިން މެރުމަށް ގޮވާލައި، ލިޔެފައިވާ ރުޅިވެރިކަމުގެ ލިއުންތައް މިސްކިތުގެ ފާރުތަކުގައި ހުރި ކަމަށް އެ ނޫހުގައިވެ އެވެ. އެލިއުންތައް ލިޔެފައިވަނީ ޔަހޫދީން ވާހަކަ ދައްކައި އުޅޭ އިބްރީ ބަހުންނެވެ.

މިސްކިތުގައި ހުޅުޖެހި ހާދިސާ ހިނގާފައި މިވަނީ ހަބްރޫންގައިވާ އިބްރާހީމް މިސްކިތުގައި ޔަހޫދީ އަކު ހިންގި ގަތުލުއާއްމަށް 21 އަހަރު ފުރުނު ދުވަހު އެވެ. އެމެރިކާ އަށް އުފަން ޔަހޫދީއެއް ކަމަށްވާ ބްރޫސް ގޯލްޑް ސްޓެއިން 1994 ވަނަ އަހަރު ހިންގި އެޖަރީމާގައި 29 މީހެއްގެ ގަޔަށް ބަޑި ޖަހައި މަރާލި އެވެ. ފަތިސް ނަމާދަށް މީހުން ތިއްބައި ދިން އެހަމަލާގައި މަރުވި މީހުންގެ އިތުރުން 125 މީހުން ޒަހަމްވި އެވެ.