25 Feb 2015, 15:58
ރިހިބިލިޓޭޝަން އަމުރުގެ ދަށުން ފަރުވާ ހޯދަމުން ދިޔަ މީހަކު ގިނަ އަދަދެއްގެ ފައިސާ ތަކެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ގދ. ގައްދޫ ގެއަކުން މިދިޔަ ހުކުރު ދުވަހުގެ ހަވީރު ބްރިފްކޭހެއް ވަގަށް ނަގައިގެން ފިލަން މަސައްކަތް ކުރި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެމީހާ ވަގަށް ނެގި ބްރިފްކޭހުގައި 29،000ރ. އަށް ވުރެ ގިނަ ފައިސާ ހުރި ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން ބުނީ އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 38 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އެމީހާ ހައްޔަރު ކޮށްފައިވަނީ ބްރިފްކޭސް ނަގައިގެން ފިލަން މަސައްކަތް ކުރަނިކޮށް އެގޭގެ ކުރިމަތިން ރައްޔިތުންގެ އެހީތެރިކަމާ އެކު ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހާއަކީ ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށުގެ ރިކޯޑްސް އޮއްނަ މީހެއް ކަމަށެވެ. އަދި އެ މީހާއަކީ ޑްރަގް ކޯޓުން ކޮށްފައިވާ ރިހިބިލިޓޭޝަން އަމުރުގެ ދަށުން ފަރުވާ ހޯދުމަށް ދޫކޮށްލާފައިވާ މީހެއް ކަމަށް ފުލުހުން ބުންޏެވެ.
ވައްކަމުގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި އެ މީހާގެ ބަންދަށް ގޮތެއް ނިންމުމަށް ގެންދިއުމުން ގައްދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ހޯމް މިނިސްޓްރީން ކަނޑައަޅާތަނެއްގައި ބަހައްޓައިގެން އެމީހާގެ ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ދީފަ އެވެ.