ރައީސް އަބްދުﷲ ޔާމީނަށް އަރުވާ ގާނޫނީ ލަފައާ ހިލާފަށް މިހާތަނަށް އެއްވެސް ކަމެއް ނުކުރައްވާ ކަމަށާއި، ޔާމީންގެ މިޒާޖުފުޅު ހުންނަގޮތުން އެމަނިކުފާނަށް އަރުވާ ގާނޫނީ ލަފައާ ހިލާފު ވެވަޑައިނުގެންނަވާނެކަން ޔަގީންވާ ކަމަށް ދައުލަތުގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ މިހާރުގެ ސިޔާސީ މަޝްރަހާގުޅޭ ގޮތުން ދިޓީވީގެ ހަބަރު ތެރެއިން ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ބަންޑާރަ ނައިބު ވިދާޅުވީ ގާނޫނީ އިމުގެ ތެރެއިން ހައްލުތައް ހޯދުމަށް މަސައްކަތްކުރުމަށް ރައީސް ޔާމީން އަބަދު ވެސް ވިދާޅުވާާ ކަމަށާއި، އެހެންކަމުން އެމްނިކުފާނަށް އަރުވާ ގާނޫނީ ލަފައާ ހިލާފަށް އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން އޮއްނަ ކަމަށެވެ.

"ތަކުރާރުކޮށް އަޅުގަނޑު ދަންވާލާނަން އެކި ކަންކަމާ ގުޅޭ ގޮތުން އަޅުގަނޑު ރައީސުލް ޖުމްހޫރިއްޔާ އަށް އަރުވާފައި ހުންނަ ގާނޫނީ ލަފައާ ހިލާފަށް ރައީސުލްޖުމްހޫރިއްޔާ އަދި މިހާތަނަށް އެއްވެސް ކަމެއް ކުރައްވާފައެއް ނެތް، އަޅުގަނޑަށް ވަރަށް ޔަގީން ކަމާއެކީގައި އެނގޭ ރައީސުލްޖުމްހޫރިއްޔާގެ މިޒާޖުފުޅު ހުންނަވާ ގޮތުންނާއި އެކީގައި ރައީސް ޔާމީން އަކީ އަޅުގަނޑު އަރުވާ ގާނޫނީ ލަފައާ ހިލާފަށް އެވެސް ކަމެއް ކުރައްވާނެ ބޭފުޅެއް ނޫން" އަނިލް ވިދާޅުވި އެވެ.

ބަންޑާރަ ނައިބު ވިދާޅުވީ "މިސަރުކާރުން ގާނޫނު އަސާސީއާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައި ނުވާނެ" ކަމަށެވެ. އަދި ސަރުކާރުން ގާނޫނު އަސާސީއާ ހިލާފުވެފައިވާ ކަަމަށް އިިކޮޅު ފަރާތްތަކުން އެ ބުނަނީ އެބޭފުޅުންގެ " އިތުރު އެހެން މަގުސަދެއް އޮވެގެން" ކަމަށް އަނިލް ވިދާޅުވި އެެވެ. އަދި ގާނުނު އަސާސީ އަށް ނުވަތަ ގާނޫނަކަށް ގެނެވުނު ބަދަލެއް ގެނެވިފައިވަނީ ގާނޫނީ ތަރަހައިގެ ތެރޭން ކަމަށް ވެސް އަނިލް ވިދާޅުވި އެވެ.

ސަރުކާރުން ގާނޫނު އަސާސީއާ ހިލާފަށް ކަންތައްތަކެއް ކުރައްވާ ކަމަށް ވިދާޅުވެ، ވާހަކަފުޅުދައްކަވާ ބޭފުޅުންނަށް މަޝްވަރާގެ މޭޒަށް ދައުވަތު ހުޅުވާލާ ކަމަށް އަނިލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ގާނޫނު އަސާސީއާ ހިލާފުވެފައިވާ ކަމަށް ބުނާ މާއްދާތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވަން ބޭނުންފުޅުވާ ނަމަ އެފުރުސަތު އެބަ އޮތް ކަމަށާއި، އަދި ކޯޓުތަކަށް އެކަން ކަން ހުށަހެޅުމުގެ ފުރުސަތު ވެސް އޮތެވެ.

" ކަމާ ބެހޭ ކޯޓުތަކަށް ވަޑައިގަންނަވާ، އަޅުގަނޑުމެން މިތިބީ އެއަށް ޖަވާބުދާރީވާން ވެސް ތައްޔާރަށް، އެކަމަށް އަޅުގަނޑުމެން އެއްވެސް ޖެހިލުމެއް ވެސް ނެތް" އަނިލް ވިދާޅުވި އެވެ.

ސަރުކާރުން ގާނޫނު އަސާސީއާ ހިލާފަށް ކަންތައްތަކެއް ކުރަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ. އަދި އެކަމާ ގުޅިގެން މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ކުރަމުންދާއިރު ސަރުކާރު ވައްޓާލާނެ ކަމަށް ބުނެ ބޮޑު އިހުތިޖާޖަކަށް މާލެ އައުމަށް ރަށް ރަށުގައި ތިބި އިދިކޮޅު ސަޕޯޓަރުންނަށް ވަނީ ގޮވާލާފަ އެވެ.