އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގެ ތަރައްގީ މަޝްރޫތައް ނިމުމާ އެކު އެ އެއާޕޯޓް އިން 6.3 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ 2017 ވަނަ އަހަރު ނިމެންވާއިރު ހަތް މިލިއަން ޓޫރިސްޓުންނަށް ހިދުމަތް ދެވޭވަރުގެ އެއާޕޯޓެއް ގާއިމް ކުރެވިގެންދާނެ ކަމަށާއި އޭރުން އެއާޕޯޓަށް 6.3 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިގެންދާނެ ކަމަށެވެ. އެ އަދަދު 2021 ވަނަ އަހަރު 7.8 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އާމްދަނީ އިތުރުވެގެން މިދަނީ ގާތްގަނޑަކަށް އަންދާޒާ ކުރަނީ 7.8 ބިލިއަން ރުފިޔާއަށް، މިއީ ކައިރި ތާރީހެއްގައި އަޅުގަނޑުމެންނަށް އެމްއޭސީއެލް އިން ހާސިލް ކުރެވުނު އާމްދަނީއެއް ނޫން" މިނިސްޓަރު ސައީދު ވިދާޅުވި އެވެ. "މިކަން ކުރަނީކީއެއް ހަމައެކަނި އެއާޕޯޓް ޑިވެލޮޕްކޮށްގެންނެއް ނޫން އަޅުގަނޑުމެން މިއާ ގުޅިގެން ގެންނަ އެތައް ތަރައްގީގެ މަޝްރޫއަކާއެކު،" މިނިސްޓަރު ވިދާޅުވި އެވެ.

އެއާޕޯޓް ތަރައްގީ ކުރާ ގޮތުގެ ކުރެހުމެއް --
މިނިސްޓަރު ވިދާޅުވީ އައިއެންއައިއޭ އަކީ ދިވެހިން ފަހުރުވެރިވާ ވަރުގެ އެއާޕޯޓަކަށް ހެދިގެންދާނެ ކަމަށާއި އެއެއާޕޯޓް ހިންގާނީ ވެސް ދިވެހިން ކަމަށެވެ. ހަމައެހެންމެ ގިނަ ވަޒީފާތަކެއް އުފެދިގެންދާނެ ކަމުގެ އިޝަރާތެއް ވެސް މިނިސްޓަރު ވަނީ ދެއްވާފަ އެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ ވަނީ، 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އައިއެންއައިއޭއަކީ ތަރައްގީވެފައިވާ ރީތި އެއާޕޯޓަކަށް ތަރައްގީކުރެވިގެންދާނެ ކަމަށެވެ.