އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގެ ދެވަނަ ރަންވޭއާއި ތަރައްގީ މަޝްރޫތަކުގެ ތަފްސީލް ދެއްވައި އެއެއާޕޯޓްގެ ތަރައްގީ މަޝްރޫތައް މީޑިއާއާ ހިއްސާކޮށްފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ މީގެ ކުރިން މުޅިން ދެކެވެމުން އައީ ހަމައެކަނި އެއާޕޯޓުގެ ޓާމިނަލް ތަރައްގީ ކުރާ ވާހަކަ ކަމަށާއި ނަމަވެސް މިސަރުކާރުން އަލަށް ތަރައްގީ ކުރާ އެއާޕޯޓަކީ މުޅިން އާ އެއާޕޯޓެއް ކަމަށެވެ.

"ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ހަމައެކަނި ދެވެމުން އައީ ހަމައެކަނި ޓާމިނަލް ބިލްޑިން ތަރައްގީ ކުރުމުގެ ވާހަކައެއް. އެއީ މިހާރު އޮތް ރަންވޭއާއި މިހާރު ހުރި ފެސިލިޓީސް ހަމަ އެގޮތަށް ބަހައްޓާފައި ހަމައެކަނި ޓާމިނަލް ޑިވެލޮޕްކުރުމުގެ ވާހަކައެއް ދެކެވިގެން އައީ. ނަމަވެސް މިހާރު ފާހަގަކޮށްލަން އަޅުގަނޑު ބޭނުންވޭ އަޅުގަނޑުމެންނަށް މިދެކެވެނީ ގާތްގަނޑަކަށް މުޅިންއާ އެއާޕޯޓެއްގެ ވާހަކަ. އެއީ ސެކައުންޑް ރަންވޭއެއް އަޅުގަނޑުމެން ގާއިމް ކުރާނެ،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

އަލަށް ތަރައްގީކުރާ އެއާޕޯތުގައި ދެ ވަނަ ރަންވޭއެއްގެ އިތުރުން ޒަމާނީ ފެންވަރުގެ ޓެކްސީ ވޭއަކާއި ބުރިޖުން ހުޅުމާލެއާއި މާލެއާއި އެއާޕޯޓާ ގުޅާލެވޭ މުޅިން އާ މަގެއް ހިމެނޭ ކަމަށް ވިދާޅުވި އެވެ. ހަމައެހެންމެ ޓާމިނަލްއިން އެއާޕޯޓާ ގުޅިފައި ހުންނަ "އޭރޯބުރިޖު"ގެ ނުވަ ބުރިޖު ހުންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިހާރުގެ އެއާޕޯޓުގެ ކެޕޭސިޓީއަށް ވުރެ ތިންގުނަ ކެޕޭސިޓީ އިތުރުވަމުންދާ އިރު އަހަރަކު ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވިގެންދާނެ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ އެ ޕްރޮޖެކްޓު ދެބަޔަކަށް ބެހިފައިވާ އިރު ބެއިޖިން އާބަން ކޮންސްޓޫރަކްޝަން ގުރޫޕުން ދެވަނަ ރަންވޭއާއި ފިއުލް ފާމްގެ އިތުރުން ކާގޯ ޓާމިނަލްއާއި އޭޕުރަން ބޮޑުކުރުމުގެ މަޝްރޫ ހިންގާނެ ކަމަށެވެ. އެ މަސައްކަތްތަކުގެ ކުރެހުންތަކާއި އިދާރީ ތައްޔާރީތައް ނިމި ބޭންކަށް ހުށައެޅިފައިވާ ކަމަށް ވިދާޅުވި އެވެ. އެއާޕޯޓުގެ ޓާމިނަލް މަސައްކަތް ޖަޕާނުގެ ތައިސޭ ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެމަޝްރޫގެ ކޮންސަލްޓެންޓެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ސިންގަޕޫރުގެ ފުންނާބު އުސް ޗަންޖީ އެއާޕޯޓުސް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެއާޕޯޓުގެ ތަރައްގީގެ މަޝްރޫތައް ކުރިއަށްދާނީ އެއް ފަހަރާ ކަމަށާއި އެއާޕޯޓުގެ ތަރައްގީގެ މަސައްކަތް 2017 އަށް ނިންމާލެވޭނެ ކަމަށް ވެސް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މީގެ ކުރިން 400 މިލިއަން ޑޮލަރުގެ އަދަދެއް އިންވެސްޓް ކުރަން ނިންމާފައި ވީނަމަވެސް އެ އަދަދު މިހާރު ދެ ގުނަވާނެ ކަމަށެވެ. އެ މަޝްރޫއަށް ފައިނޭންސް ހޯދުމުގެ ގޮތުން ޓާމިނަލްގެ މަސައްކަތް ޖަޕާނުގެ ޖޭޕިކް ލޯނެއްގެ ދަށުން ފައިނޭންސް ހޯދުމަށް މަސައްކަތް ކުރަމުންދާ އިރު އެހެނިހެން ތަރައްގީއަށް ޗައިނާއިން ލޯނެއް ނަގާއިރު އެމަސައްކަތް ވަރަށް އެޑްވާންސް ލެވަލްއެއްގައި ކުރެވެމުން އަންނަ ކަމަށް ވިދާޅުވި އެވެ.