25 Feb 2015, 14:46
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލާގައި ކުރީގެ ރައީސް އަދި ކުރީގެ ސިފައިންގެ އެންމެ މަތީވެރިޔާގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން މިހާތަނަށް ހެކި ހުށަހަޅާފައިނުވާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
އެ އޮފީހުން މިއަދު ނެރުނު ބަޔާނުގައި ވަނީ ދައުލަތުގެ ފަރާތުން ޓެރަރިޒަމްގެ ދައުވާ އިއްވުމުން ރައީސް ނަޝީދަށް ވަކީލަކު ހަމަޖެއްސުމަށް ފުރުސަތު ދިނުން ފިޔަވައި ޝަރީއަތުގައި އިތުރުކަމެއް ކޮށްފައިނުވާ ކަމަށެވެ.
ރައީސް ނަޝީދުގެ މަސްލަހަތު ހިމާޔަތްކުރުމުގެ ގޮތުންނާއި އާންމުކޮށް އަމަލުކުރެވޭ އުސޫލުގެ ދަށުން އެ މައްސަލައިގެ ތަހުގީގު ބަޔާންތައް ހިމެނޭ ގޮތަށް އެ މައްސަލައިގެ ހުރިހާ ލިޔެކިޔުންތައް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށާއި އެހެންނަމަވެސް މިހާތަނަށް ޝަރީއަތަށް ހެކި ހުށަހަޅާފައިނުވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
"މި މައްސަލާގައި ކަންހިނގާފައިވާ ގޮތް އޮޅޭގޮތަށް ދައުލަތުން ހެކި ހުށަހަޅާފައިވާކަން ދޭހަވާގޮތަށް ބައެއް ފަރާތްތަކުން މައުލޫމާތު ހާމަކުރަމުންދާތީ މިއޮފީހުން އެކަމާ ކަންބޮޑުވާ ވާހަކަދެންނެވީމެވެ."
ރައީސް ނަޝީދުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ "ރައީސް ނަޝީދުގެ މައްސަލާގައި ޕީޖީ، އަދި މައްސަލަ ބައްލަވާ ދެ ފަނޑިޔާރުން ވަނީ ހެކިބަސްދެއްވާފައި" ކަމަށެވެ.
ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިނާއި އެ މައްސަލަ ބައްލަވާ ބެންޗުގެ އިސް ގާޒީ އަބްދުﷲ ދީދީ އާއި ގާޒީ އަބްދުލް ބާރީ ޔޫސުފަކީ އެ މައްސަލައިގެ ތަހުގީގަށް ބަޔާން ދެއްވާފައިވާ ބޭފުޅަކަށް ކަމަށްވާ އިރު، ޕްރޮސިކިއުޓާ ޖެނެރަލް އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން މައްސަލަ ބަލައިގަތުމަކީ ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް ކުރިކަމެއް ކަމަށް ރައީސް ނަޝީދުގެ އޮފީހުން ނެރުނު ބަޔާނުގައި ވަނީ ބުނެފަ އެވެ.