އިއްޔެ ކޮލޮމްބޯ އިން ރާއްޖެ އައި ސްރީލަންކަން އެއާލައިންސްގެ މަތިންދާބޯޓެއްގެ ތެރޭގައި ބޮމެއް އޮތް ކަމަށް ބުނެ ހަޅޭއްލެވި ފަސިންޖަރު ހައްޔަރުކޮށް، ތަހުގީގު ކުރުމަށް ފަހު ރޭ އޭނާ ދޫކޮށްލައިފި އެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލަކު ވިދާޅުވީ އުމުރުން 60 އަހަރުން މަތީގެ ބިދޭސީ މީހާ ދޫކޮށްލާފައި ވަނީ އޭނާ ކައިރިން ކުރަން ޖެހޭ ސުވާލުތައް ކުރުމަށް ފަހު ދޫކޮށްލުމަށް ފުލުހުންނަށް ފެނިގެން ކަމަށެވެ. އެކަމަކު އޭގެ އެއްވެސް އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ. އަދި އެއީ ކޮން ގައުމެއްގެ މީހެއް ކަމެއް ވެސް ފުލުހުން ނުބުންޏެވެ.

ރާއްޖޭގައި ޓްރާންސިޓް ކުރުމަށް ފަހު އިނގިރޭސިވިލާތަށް ދިއުމަށް ހަމަޖެހިފައި އޮތް ސްރީލަންކަންގެ ބޯޓުގައި ބޮމެއް އޮތް ކަމަށް ބުނެ އެ މީހާ ހަޅޭއްލަވަން ފެށުމުން ހުރިހާ ފަސިންޖަރުން ބާލައި ސިފައިން ވަނީ އެ ބޯޓު ފާސްކޮށްފަ އެވެ. އެކަމަކު ބޮމެއް ނުވަތަ އެފަދަ އެއްވެސް އެއްޗެއް ނުފެނުމުން ސިފައިން ވަނީ ބޯޓު އިނގިރޭސިވިލާތަށް ފުރުމުގެ ހުއްދަ ދީފަ އެވެ.

އެއާޕޯޓުގެ އޮފިޝަލަކު ވިދާޅުވެފައި ވަނީ އޮޕަރޭޝަން ކޮންޓްރޯލުން އިއްޔެ މެންދުރު 1:26 ގައި "ބޮމްބް ތްރެޓް" މެސެޖެއް ލިބިފައިވާ ކަމަށެވެ.