ސަރުކާރާ އިދިކޮޅު ފަރާތްތަކުން ސަރުކާރު ވައްޓާލަން މަސައްކަތް ކުރަނީ މަގުސަދެއް ނެތި ކަމަށާއި "ރައީސް ޔާމީނަކީ މަގުމަތިން ސަރުކާރާ ހަވާލުވި ބޭފުޅޭއް ނޫން" ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

މިހާރުގެ ސިޔާސީ މަޝްރަހާ ގުޅޭ ގޮތުން ދިޓީވީގެ ހަބަރުތެރެއިން ޕްރޮގްރާމުގައި ރޭ ވާހަކަފުޅު ދައްކަވަމުން ޝައިނީ ވިދާޅުވީ ސަރުކާރުން ނުކޮށްދޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ސަރުކާރަށް އެއްވެސް މައްސަލައެއް ހުށައަޅާފައިނުވާ ކަމަށެވެ. ޝައިނީ ވިދާޅުވީ "މަގުސަދެއް ނެތި ސަރުކާރެއް ވައްޓާލަން ގޮވައި ހެދުމުގެ ބޭނުމަކީ ކޮބާތޯ" ސުވާލު އުފެދޭ ކަމަށެވެ. އަދި ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަ ހަމަ ނުޖެހޭ ކަމަށެވެ.

"އެ ބޭފުޅުން އަމިއްލައަށް މި ވިދާޅު ވަނީ ގާނޫނު އަސާސީއާ ހިލާފުވެފަ އޭ، ހިލާފެއް ނުވެ އޭ، ގާނޫނު އަސާސީގެ ރޫހާއޭ ހިލާފުވީ، ހިލާފުވެފައިވޭތޯ ދިރާސާ ކުރަނީއޭ ވެސް، ދެން މިވަރުން ރައްޔިތުންނަށް އެބަ އެނގެން ޖެހޭ ސަރުކާރުގެ އެއްވެސް ގޯހެއްނެތްކަން،" ޝައިނީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޑީޕީއަކީ ރައްޔިތުންނަށް ހެޔޮއެދޭ ޕާޓީއެއް ނޫން ކަމަށާއި ސަރުކާރުން ރައްޔިތުންގެ ފައިދާއަށް މިހާތަނަށް ހުށައެޅި އެންމެ ބޮޑު ބަޖެޓަށާއި އެސްއީޒެޑްގެ ގާނޫނު ފާސްކުރުމަށް އެމްޑީޕީ އިން ވޯޓު ނުދިނުމުން އެކަން ހާމަވާ ކަމަށް ވެސް ޝައިނީ ވިދާޅުވި އެވެ.

ޝައިނީ ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ސަރުކާރުގެ ބައެއް ބިލުތަކަށް ވޯޓުދެއްވާފައި ވަނީ "އެބޭފުޅާގެ އަމިއްލަ ވިޔަފާއި ހިމާޔަތްކުރުމަށް ޓަކައި" ކަމަށެވެ.

"އަޅުގަނޑުމެންނަށް މިފެންނަނީ ގާނޫނުތަކުގެ ބޭރުން ގާސިމަށް މަންފާއެއް ނުލިބޭނެކަން ޔަގީން ވީމާ، އިދިކޮޅުފަރާތްތަކާ ގުޅިގެން ވެރިކަން ވައްޓާލަން މަސައްކަތްކުރާތަން،" ޝައިނީ ވިދަޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީނަކީ މަގުމަތުން ސަރުކާރާ ހަވާލުވި ބޭފުޅެއް ނޫންކަމަށާއި "ކަން ކަން ނޭނގިގެން ކޮޅުކޮޅަށް ދުވާ ވައްތަރުގެ ބޭފުޅެއް ނޫން" ކަމަށެވެ. އަދި ވިދާޅުވީ އިދިކޮޅު ފަރާތްތަކާ އެކު ރައްޔިތުން ނުނިކުންނާނެ ކަން އެބޭފުޅުންނަށް އެގިވަޑައިގަންނަވާނެ ކަމަށެވެ. އަދި މިހާރު ވެސް އެފަރާތްތަކުން ގޮވާލާ ގޮވާލުމަށް ނިކުންނަނީ "ވަރަށް މަދު ބައެއް" ކަމަށް ޝައިނީ ވިދާޅުވި އެވެ.

"ރައީސް ޔާމީނަކީ މަގުމަތިން ސަރުކާރާ ހަވާލުވި ބޭފުޅެއް ނޫން. އެބޭފުޅާއަކީ ސަރުކާރު ހިންގުމުގައި ސަރުކާރުގެ ތެރޭގައި ވަރަށް ގިނަ ދުވަހު މަސައްކަތް ކުރައްވައި ގާނޫނު ހަދާ މަޖިލީހުގައި 21 އަހަރުވަންދެން މަސައްކަތް ކުރައްވައި ތަޖުރިބާ ލިބިވަޑައިގެން ހުންނެވި އިގްތިސާދީ މާހިރެއް." ޝައިނީ ވިދާޅުވި އެވެ.

ސަރުކާރުން ގާނޫނު އަސާސީއާ ހިލާފަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ޖުމްހޫރީ ޕާޓީ އަދި އެމްޑީޕީ އިން ދަނީ ސިލްސިލާ މުޒާހަރާތައްކޮށް ރައީސް ޔާމީންގެ އިސްތިއުފާއަށް ގޮވަމުންނެވެ.