ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު އަދި އެ ގައުމުގެ އިދިކޮޅު ލީޑަރު ޚާލިދާ ޒިޔާ ހައްޔަރު ކުރުމަށް ކޯޓު އަމުރެއް ނެރެފި އެވެ.

ޚާލިދާގެ ހައްޔަރުކޮށްގެން ކޯޓަށް ގެންދިއުމަށް ބަންގްލަދޭޝްގެ ކޯޓަކުން އަމުރެއް ނެރުނީ އޭނާއާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ޚިޔާނާތުގެ މައްސަލައެއްގައި ކޯޓަށް ހާޒިރުވެވަޑައި ނުގެން ހުންނަވާތީ ކަމަށް ބަންގްލަދޭޝްގެ އޮފިޝަލުންނާ ހަވާލާދީ ދަ ހިންދޫ ނޫހުން ބުންޏެވެ.

ޚާލިދާގެ ޝަރީއަތް ކުރުމަށް ވެރިރަށް ޑާކާގައި ގާއިމްކޮށްފައިވާ ވަގުތީ ކޯޓެއްގެ ފަނޑިޔާރެއް ކަމަށްވާ އަބޫ އަހުމަދު ޖަމާދަރު އެ އަމުރު ނެރުއްވީ ޚާލިދާ ކޯޓަށް ވަޑައިގަންނަވަން ޖެހޭ ތާރީހު ލަސްކުރުމަށް އޭނާގެ ވަކީލުން ހުށަހެޅި ހުށަހެޅުމެއް ރައްދުކުރެއްވުމަށް ފަހުގަ އެވެ. ޚާލިދާ ކޯޓަށް ވަޑައިގެންނެވުން ލަސްކޮށްދިނުމަށް އެދެމުން ވަކީލުން ބުނެފައި ވަނީ އެކަމަނާ އުޅުއްވަނީ އާލާސްކަންފުޅާ ކަމަށެވެ. އަދި ޑާކާގައި މިހާރު ހިނގަމުންދާ މުޒާހަރާތަކާ ގުޅިގެން އެކަމަނާގެ ސަލާމަތާ މެދު ވެސް ޔަގީންކަން ނެތް ކަމަށް ވަކީލުން ވަނީ ބުނެފަ އެވެ.

ކޯޓު އަމުރާ ގުޅިގެން ޚާލިދާ ހައްޔަރު ކުރާނެ ކަމެއް ނުވަތަ ނުކުރާނެ ކަމެއް ބަންގްލަދޭޝް ސަރުކާރުން އަދި ހާމައެއް ނުކުރެއެވެ.