ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ އާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތް އިންސާފުވެރިކަމާ އެކު ކުރިއަށް ގެންދިއުމަށް ޓްރާސްޕޭރެންސީ މޯލްޑިވްސްއިން ގޮވާލައިފި އެވެ.

ނަޝީދާއި ނާޒިމްގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް އިންސާފުވެރިކަމާ އެކު ކުރިއަށްގެންދިއުމަށް ގޮވާލާ ޓްރާސްޕޭރެންސީން މިއަދު ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ ޝަރީއަތުގެ އުސޫލަތަކާ އެއްގޮތަށް، ސިޔާސީ ކަންކަމުން އެއްކިބާވެ މިނިވަން ކަމާއި ހަމަހަމަކަމާ އެކު ޝަރީއަތްކުރިއަށް ގެންދިއުމަށް ގޮވާލާ ކަމަށެވެ.

"ޢަދުލުވެރި އިންސާފުވެރި ޝަރީއަތުގެ އުޞޫލުތަކާ އެއްގޮތަށް ސިޔާސީ ތަޢައްޞަބުން އެއްކިބާވެތިބެ، މިނިވަންކަމާއި ހާމަކަމާ އެކު ގެންދެވޭނެކަން ކަށަވަރުކުރުމަށް ދައުލަތާއި ސަރުކާރުގެ ކަމާ ގުޅުން ހުރި ހުރިހާ ފަރާތްތަކަށް މި ޖަމްޢިއްޔާއިން ގޮވާލަމެވެ." ޓްރާންޕޭރެންސީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ގާނޫނު އަސާސީގެ ތަރަހައިގެ ތެރެއިން މިހާރު ރާއްޖޭގައި އުފެދެމުންދާ ސިޔާސީ ހަލަބޮލިކަމަށް ހައްލެއް ނުލިބިއްޖެ ނަމަ ގައުމު ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިގެން ހިނގައިދާނެ ކަމަށް ބުނެ ޓްރާސްޕޭރެންސީ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"ސިޔާސީ ހަލަބޮލިކަމަށް ގާނޫނު އަސާސީގެ ތަރަހައިގެ ތެރެއިން ޞުލްޙަވެރި ހައްލެއް ނުހޯދިއްޖެ ނަމަ ގައުމުގެ މަޝްރަޙު އިތުރަށް ނުތަނަވަސްވެ ގައުމު ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިގެން ހިނގައިދާނެ ކަމަށް ޓަކައި މި ޖަމިއްޔާ އިން ކަންބޮޑުވުންފާޅު ކުރަމެވެ." ޓްރާންޕޭރެންސީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ސިޔާސީ ދެބަސްވުންތައް ހައްލުކުރުމުގައި ގާނޫނުގެ ވެރިކަމާއި ގާނޫނު އަސާސީ ނަގަހައްޓައި މަޝްވަރާގެ މަގުން ކަންކަން ހައްލުކުރުމަ ހުރިހާ ފަރާތްތަކަށް ޓްރާސްޕޭރެންސީން ވަނީ އިލްތިމާސްކޮށްފަ އެވެ.

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ހިލާފަށް ހައްޔަރުކުރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ވަނީ އުފުލާފަ އެެވެ. އަދި ޝަރީއަތް ނިމެންދެން ނަޝީދު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރު ނެރިފަ އެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމްގެ ގެއިން ފިސްތޯލައަކާއި ދެ ވަޒަން ފެނުނު މައްސަލައަކާ ގުޅިގެން، އަދި އިދިކޮޅުފަރާތްތަކާ ގުޅިގެން ސަރުކާރާދެކޮޅަށް ރޭވުންތަކެއް ރާވަމުންދާ ކަމަށް ބުނެ ނާޒިމް ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. ނާޒިމްގެ އިތުރުން ނާޒިމްގެ އަންހެނުންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހަގުރާމަވެރި ހަތިޔާރު ގެންގުޅުނުކަމުގެ ދައުވާގެ ފުރަތަމަ އަޑުއެހުން މިއަދު 4:00 ވަނީ ތާވަލުކޮށްފަ އެވެ.