25 Feb 2015, 13:00
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަށް ބަޔަކު ވަދެ އިންޒާރުދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ އެ މައްސަލަ ފުލުހުން ބަލަން ފަށާފައި ވަނީ އެ ކޮމިޝަނުން އެ މައްސަލަ ފުލުހުންގެ އިދާރާ އަށް ހުށަހަޅައިގެން ނޫން ކަމަށެވެ.
"އެ މައްސަލަ ބަލަން ފެށީ އެ ވާހަކަ މީޑީއާގައި ރިޕޯޓްކުރުމާ ގުޅިގެން،" އޮފިޝަލް ވިދާޅުވި އެވެ.
އެޗްއާރުސީއެމަށް ބަޔަކު ވަދެ އެތަނުގެ މެމްބަރުންނަށް ބިރުދައްކާފައި ވަނީ ކުރީގެ ރައީސް މުހައްމަދުު ނަޝީދު ކޯޓަށް ހާޒިރުކުރުމުގައި ފުލުހުން އަމަލްކޮށްފައިވާ ގޮތް ކުށްވެރިކޮށް އެ ކޮމިޝަނުން ބަޔާނެއް ނެރުނުތާ 24 ގަޑި އިރު ނުވަނީހެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެކޮމިޝަނަށް އިއްޔެ ދިޔަ ބަޔަކު ވަނީ ކޮމިޝަނުގެ މެމްބަރުނާ ދިމާލަށް މަގެއްގެ މަތިން ނުފެންނަށްޗޭ ކިޔައި އިންޒާރުދީފަ އެވެ.
ނަމަވެސް އެ ކޮމިޝަންގެ މެމްބަރަކު މިއަދު ސަން އަށް ވިދާޅުވީ މީގެ ކުރިން ވެސް އެކި އެކި މައްސަލަތަކާ ގުޅިގެން ބައެއް ފަރާތްތަކުން ކޮމިޝަންގެ މެމްބަރުންނާ ބައްދަލުކޮށް އެގޮތަށް ހިތްހަމަނުޖެހިގެން އިންޒާރުދީ ހަދާފައިވާ ކަމަށެވެ.