25 Feb 2015, 12:08
ގައުމު ހަލަބޮލިކޮށް ގައުމުގެ މަސްލަހަތު ގެއްލުވާލުމުން އެއްވެސް ފަރާތަކަށް ފައިދާއެއް ނުވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒް ވިދާޅުވެއްޖެ އެވެ.
ހައުސިން މިނިސްޓްރީގެ ފަރާތުން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުއިއްޒު ވިދާޅުވީ ވަރަށް ރަނގަޅަށް ސަރުކާރުން ކަންތައްތައް ކުރިޔަށްދާ އިރު ގައުމުގެ ކުރިއެރުމަށް އެއްވެސް ވަރަަކަށް ނުވިސްނައި ގައުމަށް ކޮންމެ ފަދަ ގެއްލުމެއް ލިބުނަސް އެންމެ ރަނގަޅުކަމަށް ގަބޫލުކޮށްގެން ބައެއް ފަރާތްތަކުން ގައުމުގެ މަސްލަހަތު ގެއްލުވާލައި ހަލަބޮލި ކޮށްލުމަށް ކަންތައްތަކެއް ކުރަމުންދާ ކަމަށެވެ.
"މީ އެއްވެސް ފަރާތަކަށް ފައިދާވާނެ ކަމެއް ނޫން. އެކަން ކުރާ ފަރާތަށް ވެސް" ޑރ. މުއިޒް ވިދާޅުވި އެވެ.
" ގައުމީ ވިސްނުމެއްގައި އަޅުގަނޑު ހަމަ އެ ފަރާތްތަކަށް ވެސް ގޮވާލަން ގައުމު ކުރިއެރުވުމަށް ޓަކައި އެ ފަރާތްތަކުގެ ހިއްސާ މިވަގުތު ދެއްވުމަށް،" މުއިޒް ވިދާޅުވި އެވެ.
އަމިއްލަ މަސްލަހަތަކީ ގައުމީ މަސްލަހަތަށް ވުރެ އިސްކުރެވޭނެ އެއްޗެއް ނޫންކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
މިދިޔަ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މީގެ ކުރިން ހާސިލްނުކުރެވިވާ މިންވަރަށް ނަތީޖާ ހާސިލްކޮށްފައިވާ ކަމަށް މުއިޒް ވިދާޅުވި އެވެ. އެ ގޮތުން މިހާރު ހިނގަމުންދާ މަޝްރޫއުތަކުގެ މައުލޫމާތު ވަނީ ހިއްސާކުރައްވާފަ އެވެ.
މި ގޮތުން ޖުމްލަ ސަތާރަ އަތޮޅެއްގެ މިހާރު ވެސް އެކިއެކި މަޝްރޫއު ތަކުގެ އަމަލީ މަސައްކަތް ކުރިޔަށްދާ ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.
މީގެ ތެރޭގައި ހައުސިން މަޝްރޫއުތަކާއި ބަނދަރު ހެދުމުގެ މަޝްރޫއުތަކާއި ތޮށިލުމުގެ މަޝްރޫއުތައް ހިމެނޭ ކަަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.
ދުއިސައްތަ ސާޅީސް ހަތަރު މިލިއަން ރުފިޔާގެ ހައުސިން މަސައްކަތާއި މަގު ހެދުމަށް އެއް ބިލިއަން ރުފިޔާގެ މަސައްކަތް އަދި ބަނދަރުހެދުމާއި ބިންހިއްކުމާއި ތޮށިލުމަށް ގާތްގަނޑަކަށް 1.8 ބިލިއަން ރުފިޔާގެ މަސައްކަތް މިހާރު ވެސް ކުރިޔަށްދާ ކަމަށް ހައުސިން މިނިސްޓްރީ އިން ބުންޏެވެ.