25 Feb 2015, 12:00
މި ހަފްތާގެ ހޯމަ ދުވަހުގެ ރޭ އެމްޑީޕީ-ޖޭޕީ އިން ކުރި މުޒާހަރާގައި ހައްޔަރު ކުރި މީހުންގެ ތެރެއިން ފަސް މީހަކު އެއްވުންތަކުގައި ދެ މަސް ދުވަސް ވަންދެން ބައިވެރިނުވެވޭ ގޮތަށް ޝަރުތުތަކަކާއެކު ދޫކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ މިދިޔަ ހޯމަ ދުވަހު މުޒާހަރާގައި މުޅި ޖުމުލަ 13 މީހަކު ފުލުހުން ހައްޔަރު ކުރި ކަމަށާއި އޭގެތެރެއިން ފަސް މީހަކު ދެ މަސް ދުވަސް ވަންދެން އެއްވުންތަކަށް ނުދިއުމަށް ޝަރުތުކޮށް ދޫކޮށްލާފައިވާ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ ހައްޔަރު ކުރި މީހުންގެ ތެރޭގައި އަންހެނަކު ހުރި ކަމަށާއި އެ މީހާގެ ބަންދަށް 10 ދުވަސް އިއްޔެ ޖަހާފައިވާ ކަމަށެވެ. އަދި ބާކީ ތިބި ހަތް މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
މިހާރު މާލޭގައި ކުރިއަށް ގެންދާ މުޒާހަރާތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގިނަ އަދަދެއްގެ މީހުން ވަނީ މި ހަފްތާގެ ތެރޭގައި ވެސް ގެންގޮސްފަ އެވެ.
އެގޮތުން މި ހަފްތާގެ އާދީއްތަ ދުވަހުގެ ރޭ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި ވެސް ފުލުހުން ވަނީ 10 މީހަކު ހައްޔަރުކޮށްފަ އެވެ. އޭގެތެރޭގައި 18 އަހަރު ނުފުރޭ ކުޑަ ކުއްޖަކާއި އަދި އަންހެނެއް ވެސް ހައްޔަރުކޮށްފަ އެވެ. ފުލުހުން ބުނީ އެ ދެ މީހުންނަށް ނަސޭހަތް ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ.
އެމްޑީޕީ-ޖޭޕީ ގުޅިގެން އާދީއްތަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި ބައެއް ފަރާތްތައް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭގެތެރޭގައި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.