ވޮޝިންޓަން (ފެބްރުއަރީ 25) : ގަތަރު އަމީރު ޝައިޚް ތަމީމް ބިން ޙަމަދު، އެމެރިކާގެ ރައީސް ބަރަކް އޮބާމާ އާ ވައިޓްހައުސްގައި ބައްދަލުކުރައްވައިފި އެވެ.
މިބައްދަލުކުރެއްވުމަށް ފަހު އޮބާމާއާ އެކު ބޭއްވި ނޫސްކޮންފަރެންސެއްގައި ޝައިޚު ތަމީމް ވިދާޅުވީ ޓެރަރިޒަމްގެ މައްސަލައިގެ އިތުރުން ފަލަސްތީނުގެ މައްސަލައާއި އިރާގާއި ސޫރިޔާގެ މައްސަލައިގެ އިތުރުން ލިބިޔާގެ މައްސަލައާއި ޔަމަންގެ މައްސަލައާ ބެހޭ ގޮތުންވެސް އޮބާމާއާ މަޝްވަރާކުރެއްވި ކަމަށާއި މަޝްވަރާތަކާ މެދު އޭނާ ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ކަމުގަ އެވެ. އަދި ދުނިޔޭގެ ގިނަ މައްސަލަތަކުގައި ދެ ބޭފުޅުންގެ ވިސްނުން ވަރަށް އެއްގޮތް ކަމަށް ވެސް ތަމީމް ވިދާޅުވި އެވެ.


އިސްލާމިކް ސްޓޭޓް ނުވަތަ އައިއެސްއިން ހިންގާ ހަރުކަށި އަމަލުތަކަށް އިޝާރާތް ކުރައްވަމުން ތަމީމް ވިދާޅުވީ އައިއެސްއަކީ އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ ބިރެއްކަމަށާ އެބިރު ނައްތާލުމަށް ގަތަރު އޮތީ އަޒުމް ކަނޑައަޅައިގެން ކަމުގަ އެވެ. ގަތަރަކީ އައިއެސް ބަލިކޮށްލުމަށް އެމެރިކާ އިސްވެ އޮވެގެން އެކުލަވާލާފައިވާ ބައިނަލްއަގްވާމީ ކޯލިޝަންގައި ގައިވެސް ބައިވެރިވާ ގައެމެކެވެ. ނަމަވެސް މިކޯލިޝަންގެ ބައެއް ގައުމުތަކުން އިރާގާއި ސޫރިޔާގައިވާ އައިއެސްގެ މަރުކަޒުތަކަށް ދޭ ވައިގެ ޙަމަލާތަކުގައި ގަތަރު ބައިވެރިވާތަން މިފަހަކަށް އައިސް ފެނިފައެއްނުވެ އެވެ.
ސޫރިޔާގެ މައްސަލައާ ބެހޭ ގޮތުން ތަމީމް ވިދާޅުވީ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ބަދަލުކުރަން ޖެހޭ ކަމަށާއި ސޫރިޔާގައި ބައްޝާރުގެ ނިޒާމަށް އެއްވެސް މުސްތަގްބަލެއް ނެތް އޮބާމާއާއި އޭނާ އެއްބަސްވެ ވަޑައިގެންނެވި ކަމުގައެވެ. މިއާއެކު ވެސް ބައްޝާރުގެ ވެރިކަން ވައްޓާލުމަށްޓަކައި އަސްކަރީ ބާރުގެ ބޭނުންކުރުމާ ބެހޭ ގޮތުން ނޫސްކޮންފަރެންސްގައި ދެ ބޭފުޅުން ވެސް ވާހަކަ ދައްކަވާފައެއް ނުވި ނަމަވެސް ސޫރިޔާގެ ވެރިކަން ސިޔާސީ އުސޫލަކުން ބައްޝާރު ނޫން ބޭފުޅެއްގެ މައްޗަށް ބަދަލުކޮށް ސޫރިޔާގެ ވެރިކަމުން ބައްޝާރު ދުރުކުރެވޭނެ ސިޔާސީ ޙައްލަކާ ބެހޭ ގޮތުން އޮބާމާއާއި ގަތަރުގެ އަމީރު މަޝްވަރާ ކުރެއްވިކަމަށް ޚަބަރުތައް ބުނެ އެވެ.
ފަލަސްތީނުގެ މައްސަލާގައި އިސްރާއީލުގެ އިތުރުން ފަލަސްތީނުގެ ދައުލަތެއް އޮންނަ ގޮތަށް ދެދައުލަތުގެ ޙައްލަކަށް އޮބާމާ ވެސް ތާއީދުކުރައްވާކަން ޝައިޚް ތަމީމް ހާމަކުރެއްވި އެވެ. މިކަން ޙާސިލް ކުރުމަށްޓަކައި އިސްރާއީލާއި ފަލަސްތީނާ ދެމެދު ސުލްޙައިގެ ވާހަކަތައް އަލުން ކުރިޔަށްގެންދިޔުމަށް އެމެރިކާ މަސައްކަތް ކުރުމަށް ވެސް އޮބާމާ އެއްބަސްވެ ވަޑައިގެންނެވި ކަމަށް ތަމީމް ވިދާޅުވި އެވެ. މިނޫސްކޮންފަރެންސްގައި އޮބާމާ ވިދާޅުވީ ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދާއެކު ކުރެއްވި މަޝްވަރާތަކާ މެދު ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ކަމުގަ އެވެ.
އޮބާމާއާއި ގަތަރުގެ އަމީރު ވައިޓް ހައުސްގެ އޯވަލް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައި އެމެރިކާގެ ނައިބު ރައީސް ޖޯ ބައިޑެން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. ގަތަރުގެ އަމީރު އެމެރިކާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމެރިކާގެ ކޮންގްރެސްގެ ބައެއް އިސް ބައެއް ފަރާތްތަކާ ބައްދަލުކުރެއްވުމަށް ވެސް ހަމަޖެހިފައިވެ އެވެ. (އަލްޖަޒީރާ)