15 Feb 2011, 12:47
ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީ އުފައްދަވައި، އެ ޔުނިވާސިޓީގެ ޗާންސެލަރުކަމަށް ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތޮފާ ލުތުފީ، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ހަމަޖައްސަވައިފި އެވެ.
ގައުމީ ޔުނިވާސިޓީ ހުޅުވުމަށް ދަރުބާރޫގޭގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ރައީސް ނަޝީދު ވަނީ ރާއްޖޭގައި އުފައްދާ ފުރަތަމަ ޔުނިވާސިޓީކަމުގައިވާ ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީ )މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީ(ގެ ސިއްކަ ޑރ. މުސްތޮފާއާ ހަވާލުކޮށްދެއްވައިފަ އެވެ. އަދި ރައީސް ނަޝީދު ވަނީ، ގައުމީ ޔުނިވާސިޓީ އުފެއްދެވިކަމުގެ ގަރާރު އެޑިއުކޭޝަން މިނިސްޓަރު ޝިފާ މުހައްމަދާ ހަވާލުކޮށްދެއްވައިފަ އެވެ.
ޔުނިވަސިޓީގެ ވަގުތީ ވައިސް ޗާންސެލަރަކަށް ރައީސް ހަމަޖެއްސެވީ މިއަދު ޔުނިވާސިޓީއަކަށް ބަދަލުކުރި މޯލްޑިވްސް ކޮލެޖް އޮފް ހައާ އެޑިއުކޭޝަން (އެމްސީއެޗްއީ)ގެ ރެކްޓާގެ މަގާމުގައި ހުންނެވި ޑރ. ހަސަން ހަމީދެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ގައުމީ ޔުނިވަސިޓީ ތަރައްގީކުރުމަށްޓަކައި އެތަނުގައި ހުންގާނުގައި ހުންނަވަން ޖެހޭނީ ވަރަށް ހަރުދަނާ ޝަޚުސިއްޔަތެއް ކަމަށާއި އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ޗާންސަރަލެއްގެ މާގަމަށް އެންމެ އެކަށީގެންވާ ބޭފުޅަކީ ޑރ. މުސްތޮފާ ލުތުފީ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، މިއަދުގެ ތަހުޒީބީ ދުނިޔެއަށް ބަލާއިރު، ތައުލީމުގެ ކުޑަ ނުވަތަ އާދައިގެ މިންވަރެއް އުނގެނިގެން ފުއްދާލެވޭކަށް ނެތް ކަމަށާއި މިއަދު ދަރިންގެ މުސްތަގުބަލު ބިނާކުރެވެން އޮތީ މަތީ ތައުލީމު ހާސިލްކޮށްގެން ކަމަށެވެ.
"އަޅުގަނޑުމެން މިޞްރާބު ހިފަން މިޖެހެނީ މަތީ ތަޢުލީމް ހާސިލުކުރަން. އެ ހާސިލުކުރާ ތައުލީމުގައި ރަނގަޅު ނަތީޖާ ވެސް ހޯދަން. އެ ނަތީޖާ ހޯދިގެން މެނުވީ މިތަހުޒީބީ ޒަމާނުގައި އަޅުގަނޑުމެންގެ ދަރިންގެ މުސްތަގުބަލް ބިނާކުރެވޭކަށް ނެތް،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، ތަހުޒީބުވެ، ކުރި ހޯދުމަށްޓަކައި އުނގެނެން ޖެހޭ އިލްމް ހޯދުމަށްޓަކައި "ރާއްޖޭގައި ހުޅުވިގެންދާ އެންމެ މުހިންމު ދޮރާއްޓަކީ" ވެސް މިއަދު އުފެއްދެވި ގައުމީ ޔުނިވަސިޓީ ކަމަށެވެ. އަދި ޑޮމޮކްރެސީގެ ކުރިމަގު ބަންޓަންކޮށް، ނިކަމެތިކަމުން ރައްޔިތުން މިންޖުކޮށްދިނުމަށް ވެސް އެ ޔުނިވަސިޓީން މުހިންމު ދައުރެއް އަދާކުރަން ޖެހޭ ކަމުގައި ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި ޔުނިވާސިޓީއަށް ބިދޭސީ ދަރިވަރުން ޝައުގުވެރިކޮށް، ދުނިޔެއަށް މަގުދެއްކުމަށްޓަކައި ރާއްޖެ ފަދަ ސައްތައިން ސައްތަ މުސްލިމް ގައުމެއްގައި ޑިމޮކްރެސީ އަށަގެންނެވުމަށް އެކި ފަރާތްތަކުން ކުރި ސުލްހަވެރި މަސައްކަތްތައް އުނގަންނައިދެވޭނެ ކަމަށް ވިދާޅުވި އެވެ.
"އިސްލާމީ ޤައުމަކުން އުފެދުނު ހުދުމުޚުތާރު ވެރިޔަކު، ރައްޔިތުން މައިދާނަކަށް ނިކުމެ ފުރަތަމަ ބަދަލުކޮށްލީ މިރާއްޖޭގައި. ޤާހިރާގެ ތަޙްރީރު މައިދާނުގައި ފެނިގެން އެދިޔައީ އިއްޔެ ފުރަމާލޭގެ ޖުމްހޫރީ މައިދާނުގައި ފެނިގެންދިޔަ މަންޒަރު. އިސްލާމީ ދުނިޔޭގެ އެންމެ ނަންހުރި އެފަދަ ޤައުމެއް ދެން ހިންގަވާން އޮތީ، މިރާއްޖޭގެ ރައްޔިތުން މި އިސްލާމީ ޤައުމަށް އެކަށައެޅި މަގުތަކުން. އަޅުގަނޑުމެން މިކުޑަކުޑަ އިސްލާމީ ޤައުމުން މަގުދައްކަން ލިބުނު ޑިމޮކްރަސީ އަށަގެންނުވުމުގައި މިރާއްޖޭގެ އެކި މުއައްސަސާތަކުންނާއި، މިޤައުމީ ޔުނިވަސިޓީ އިން ކުރިމަތިލައްވާ ޖަދަލުތަކާއި ހޯއްދަވާ ކުރިއެރުންތައް، އިރާދަފުޅާއެކު ދެން ވެގެންދާނީ އެހެން އިސްލާމީ ޤައުމުތަކަށް ހުރި ޗާލޫ އަދި ރިވެތި މިސާލުތަކަކަށް،" މިއަދު ފާހަގަކުރާ ކީރިތި ރަސޫލާގެ އީދުމީލާދާ ގުޅުވައިގެން އުފެއްދެވި ޔުނިވަސިޓީއާ ގުޅޭ ގޮތުން ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ކަނޑުފަޅުތަކުގެ ދިރާސާތައްކުރުމަށާއި ތިމާވެއްޓާއި މޫސުމީ ބަދަލުތަކުގެ ރޮނގުން ތަހުލީލުތައް ހެދުމަށް ރާއްޖެއަކީ "ލެބޯރެޓޮރީ"އެއް ކަމަށާއި އެ ދާއިރާތައް މެދުވެރިކޮށް، ގައުމީ ޔުނިވަސިޓީން ދުނިޔެއަށް އަގުހުރި މައުލޫމާތު ފޯރުކޮށްދެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޗާންސެލާ ޑރ. މުސްތޮފާ ވިދާޅުވީ، ގައުމެއް ކުރިއަރާދަނީ އެގައުމެއްގެ މީހުންގެ ސިނކުނޑި ތަރައްގީވެ، ކުރެއެރުމުން ކަމަށާއި އެމަނިކުފާނުގެ އުއްމީދަކީ ޑިމޮކްރެޓިކް ބިންގަލެއްގެ މަތީ ރާއްޖެ ކުރިއަށްގެންދިއުމަށް ބޭނުންވާ އިލްމީގޮތުން ގާބިލު މީހުން އުފެއްދުން ކަމަށެވެ.
"މިއީ އިރާދަކުރެއްވިއްޔާ ދިވެހި ރާއްޖޭގެ އޮކްސްފޯޑް. މިއީ އެބޭފުޅުން، އަޅުގަނޑުމެން ވަރަށް ސަރީޚަކޮށްކުރާ އުއްމީދަކީ،" މަޖިލީހުގެ ރުހުން ލިބިވަޑައިގެންފައިނުވާތީ އެޑިއުކޭޝަން މިނިސްޓާކަމުން އިސްތިއުފާދެއްވަން ޖެހިވަޑައިގެންނެވި ޑރ. މުސްތޮފާ ވިދާޅުވި އެވެ.