ލަންޑަން (ފެބްރުއަރީ 25) : ޔުކްރޭންގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގާ ބައިވެރިވާ އެގައުމުގެ ސިފައިންނަށް ތަމްރީނާއި އަސްކަރީ މަޝްވަރާ ދިނުމަށް ޓަކައި އިނގިރޭސިވިލާތުގެ އަސްކަރީ ތަޖްރިބާކާރުން ފޮނުއްވާނެކަން އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރޮން އިޢްލާން ކުރައްވައިފި އެވެ.

ހައުސް އޮފް ކޮމަންސްގެ ކޮމިޓީއަކާ މުޚާތަބު ކުރައްވައި ވާހަކަ ދައްކަވަމުން ކެމެރޮން ވިދާޅުވީ ޔުކްރޭންގެ ސިފައިންނަށް އަސްކަރީ ތަމްރީނާއި މަޝްވާރާ ބޭނުންވާކަން އެގައުމުން އަންގާފައިވާ ކަމަށާ އެކަމަށްޓަކައި އިނގިރޭސި އަސްކަރީ ތަޖްރިބާކާރުންގެ ތެރެއިން 75 މީހުން ޔުކްރޭނަށް ފޮނުވުމަށް ނިންމަވާފައިވާ ކަމުގަ އެވެ. ޔުކްރޭންގެ ދާޚިލީ ހަނގުރާމަ ކުރިޔަށްދަނީ ރަޝިޔާގެ ތާއީދު ލިބިފައިވާ އެގައުމުގެ އިދިކޮޅު ހަނގުރާމަވެރިންގެ ސަބަބުން ކަމަށް ވެސް ކެމެރޮން ތުހުމަތު ކުރެއްވި އެވެ.


ޔުކްރޭނަކީ ދާޚިލީ ހަނގުރާމައެއް ކުރަމުން ގެންދާ ގައުމަކަށްވާތީ އެގައުމަށް އަސްކަރީ ގޮތުން އެހީވުމަށް އިނގިރޭސި ޕާލަމެންޓްގެ ގިނަ މެންބަރުން ދެކޮޅު ހައްދަވާ ކަމަށް ޚަބަރުލިބެ އެވެ. (ބީބީސީ)