މިހާތަނަށް ދަރިވަރުންނަށް ލިބިފައި ނުވާ ފޮތްތަކުގެ ތެރެއިން ގްރޭޑް 1،2،3ގެ އިސްލާމާއި ދިވެހީގެ އިތުރުން ގުރުއާންގެ ފޮތްތައް އަންނަ ހަފްތާގެ ދަރިންވަރުންނާއި ހަވާލުކުރެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް އިސްމާއިލް މިއަދު ސަން އަށް ވިދާޅުވީ އެ ތިން ގްރޭޑްގެ ތިން މާއްދާގެ ދަރިވަރުންގެ ފޮތްތަކާއި ޓީޗަރުންގެ ފޮތްތައް ޗާޕްކުރުމުގެ މަސައްކަތްތައް ކުރިއަށްދާ އިރު އޭގެ ތެރެއިން ގިނަ ފޮތްތަކެއް ޕްރިންޓްކޮށް މިހާރު ނިމިފައިވާ ކަމަށެވެ. އެހެންކަމުން އަންނަ ހަފްތާގެ ތެރޭގައި ފޮތްތައް ބަހާނެ ކަމަށް ވިދާޅުވި އެވެ.

"މިފެށޭ ހަފްތާގެ ތެރޭގައި ދަރިވަރުންނަށް ފޮތްތައް ބަހަން ފެށޭނެ، އެހެން ކަމުން އަންނަ ހަފްތާގެ ތެރޭގައި ހުރިހާ ދަރިވަރުންނަށް ފޮތްތައް ލިބޭނެ." އިބްރާހިމް އިސްމާއިލް ވިދާޅުވި އެވެ.

އެފޮތްތައް ޕްރިންޓުކުރުން ނޮވެލްޓީއާ ހަވާލުކޮށްފައިވާ އިރު ކުރިން އެޑިއުކޭޝަން އިން ބުނެފައި ވަނީ މި މަހުގެ މެދުތެރޭގައި އެ ފޮތްތައް ބަހައި ނިމޭނެ ކަމަށެވެ. ނަމަވެސް މިހާތަނަށް ދަރިވަރުންނަށް އެފޮތްތައް ދީފައެއް ނުވެ އެވެ. އެހެންކަމުން އެތައް ބެލެނިވެރިން ދަނީ ކަންބޮޑުވުންތައް ފާޅުކުރަމުންނެވެ. ބައެއް ރަށްރަށުގައި މުޒާހަރާ ވެސް ކޮށްފައިވެ އެވެ.