25 Feb 2015, 10:27
އަބޫޖާ (ފެބްރުއަރީ 25) : ނައިޖީރިޔާގެ އުތުރުގެ ދެ ސަރަހައްދެއްގައި އަމިއްލައަށް މަރުވެގެން އިއްޔެ ދިން ދެ ޙަމަލާއެއްގައި 26 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ އެވެ.
ނައިޖީރިޔާގެ ފުލުހުން ހާމަކުރާގޮތުގައި މީގެ ތެރެއިން އެއްޙަމަލާ އަމާޒުކޮށްފައި ވަނީ ބުޓިސްކޮމް ނަމަކަށްކިޔާ ވިލެޖަކުން ދަތުރުކުރި ފަސިންޖަރު ބަހަކަށެވެ. މިޙަމަލާގައި 16 މީހުން މަރުވެފައިވާއިރު ދެވަނަ ޙަމަލާ އަމާޒުކޮށްފައި ވަނީ ކާނޫ ސިޓީގެ ބަސް ސްޓޭޝަނަކަށެވެ. ކާރުބޮމެއް ބޭނުންކޮށްގެން ދެމީހަކު އަމިއްލައަށް މަރުވެގެންދިން މިޙަމަލާގައި އާންމުންގެ 10 މީހުން މަރުވެފައިވާ ކަމަށް ނައިޖީރިޔާގެ ފުލުހުން ބުނެ އެވެ. ނައިޖީރިޔާގެ ރައީސް ގުޑްލަކް ޖޮނަތަން ވަނީ މިދެ ޙަމަލާ ކުށްވެރި ކުރައްވައި މިދެ ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށް ތައްޒިޔާ ފޮނުއްވާފަ އެވެ. މިދެ ޙަމަލާއަކީ ވެސް ނައިޖީރިޔާގައި ހަރަކާތްތެރިވާ ހައްދުފަހަނަޅާފައިވާ ބޫކޫ ހަރާމް ޖަމާއަތުން ދިން ޓެރަރިސްޓް ދެ ޙަމަލާ ކަމަށް ގުޑްލަކް ޖޮނަތަން ތުހުމަތު ކުރެއްވި އެވެ. އަދި ބޫކޫ ހަރާމް ޖަމާއަތް ވަރަށް އަވަހަށް ބަލިކޮށްލައްވާނެ ކަމަށް ވެސް ޖޮނަތަން ވިދާޅުވި އެވެ.
ބޫކޫ ހަރާމް ޖަމާއަތާދެކޮޅަށް ނައިޖީރިޔާ ފުލުހުންނާއި ސިފައިންކުރާ ހަނގުރާމަ ކާމިޔާބު ކުރުމުގައި އެދެ މުއައްސަސާ ވަނީ ނާކާމިޔާބުވެފަ އެވެ. (ރޮއިޓާސް)