ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް މިނިވަން ކުރުމަށް އަދާލަތު ޕާޓީ އިން ގޮވާލާފި އެވެ.

ނާޒިމްގެ އަނބިކަނބަލުންގެ ގެއަށް ޖެނުއަރީ މަހުގެ 17 ވަނަ ދުވަހުގެ ރޭ މެންދަމު 3:15ގައި ފުލުހުން ވަދެ، ބަލައި ފާސްކުރި އިރު، ނާޒިމްގެ ކޮޓަރިން ފިސްތޯލައަކާއި މެގަޒިނަކާއި ތިން ވަޒަންގެ އިތުރުން އިމްޕްރޮވައިޒްޑް އެކްޕްލޯސިވް ޑިވައިސް (އައިއީޑީއެއް) ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައިގެ ތުހުމަތުގައި މި މަހުގެ 10 ވަނަ ދުވަހު ނާޒިމް ހައްޔަރު ކުރުމުން، ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިދީފަ އެވެ.

ނާޒިމް ދޫކޮށްލުމަށް ގޮވާލާ ނެރުނު ނޫސްބަޔާނުގައި އަދާލަތު ޕާޓީން ބުނެފައި ވަނީ ނާޒިމާއި އޭނާގެ އަނބިކަނބަލުން އަފާފް އަބްދުލް މަޖީދުގެ މައްޗަށް ތުހުމަތު ކުރާ ކަންތައްތަކީ ސުވާލު އުފެދޭ ކަންތައްތަކެއްކަން ސަލާމަތް ބުއްދި ކުރި ކޮންމެ މީހަކަށް ގަބޫލުކުރެވޭ ކަމަށެވެ.

ނާޒިމް މިނިވަން ކުރުމަށާއި އޭނާގެ އަނބިކަނބަލުންނަށް ގެއްލިފައިވާ ދުސްތޫރީ ހައްގު ހިމާޔަތް ކުރުމަށް އެ ބަޔާނުގައި އަދާލަތުން ވަނީ ގޮވާލާފަ އެވެ.