ރައްޔިތުންނާއި ދެކޮޅަށް ސިފައިން ހަތިޔާރު ބޭނުންކޮށްފާނެކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތައް މޯލްޑިވްސްް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ދޮގުކޮށްފި އެވެ.

ރައްޔިތުންނާއި ދެކޮޅަށް ސިފައިން ހަތިޔާރު ބޭނުންކޮށްފާނެކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތައް ދޮގުކޮށް އެމްއެންޑީއެން އިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެފަދަ ހަބަރުތައް ފަތުރަމުން ދަނީ ދިވެހި ލޮބުވެތި ރައްޔިތުންނާއި ސިފައިންނާ އޮންނަ ގުޅުން ހީނަރުކުރުމުގެ މަޤްސަދުގައި ކަމަށެވެ.

މިހަތްފާގެ އާދިއްތަ ދުވަހު ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރު ކުރުމާއި ގުޅިގެން އެމްއެންޑީއެފް އިން ހަތިޔާރާއި އެކު މަގުތަކަށް ނުކުތް ވާހަކަތަކެއް ވެސް ވަނީ ފެތުރިފައެވެ. އެހެންނަމަވެސް އެ ދުވަހުވެސް އެމްއެންޑީއެފް އިން ވަނީ އެކަން ދޮގުކޮށްފައެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އަދުނާން މުހައްމަދު އެ ދުވަހު ވިދާޅުވީ " ސިފައިން އަދާކުރަމުންދަނީ ކުރިން ވެސް އަދާކުރަމުން އައި އާންމު ޑިއުޓީ" ކަމަށެވެ.

ޝޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން އަންނަނީ މާލެތެރޭގައި މިހާރު ސިލްސިލާކޮށް ހިނގަމުންދާ މުޒާހަރާތަކާއި ހަމަނުޖެހުންތަކުގެ ސަބަބުން ސިފައިން އާންމުންނާ ދެކޮޅަށް ހަތިޔާރު ބޭނުންކޮށްފާނެ ކަމަށް ބުނެ ވާހަކަތައް ފަތުރަމުން ނެވެ.