24 Feb 2015, 23:59
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތަށް ހާޒިރުކުރުމުގެ ތެރޭގައި އެމަނިކުފާނަށް އެއްވެސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ 'ސަން'އަށް ވިދާޅުވީ، ރައީސް ނަޝީދު ކޯޓަށް ހާޒިރުކުރުމުގެ ތެރޭގައި ހިނގި ހަމަނުޖެހުމުގެ ތެރޭގައި ނަޝީދަށް އެއްވެސް ވަރެއްގެ އަނިޔާއެއް ވެފައިނުވާ ކަމަށް ނަޝީދު ބެއްލެވި ޑޮކްޓަރުންގެ ތަހުލީލު ރިޕޯޓްތަކުގައިވާ ކަމަށެވެ.
"ނަޝީދު ބެއްލެވި ޑޮކްޓަރުން ވިދާޅުވީ، އެއްވެސް އަނިޔާއެއް ނަޝީީދަށް ލިބިފައި ނެތް ކަަމަށް،" އޮފިޝަލް ވިދާޅުވި އެވެ.
މީގެއިތުރުން ރައީސް ނަޝީދު ކޯޓަށް ވެއްދުމަށް ފުލުހުން މަސައްކަތް ކުރުމުގެ ތެރޭގައި އެމަނިކުފާނުގެ އަތްޕުޅު ބިނދިފައިވާ ކަމަށް ބުނެ ޝޯސަލް މީޑިއާގައި އާއްމުކޮށްފައިވާ މީހެއްގެ އަތެއްގެ އެކްސްރޭ އަކީ ނަޝީދުގެ އަތުގެ އެކްސްރޭއެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެދުވަހު އޮތް ޝަރީއަތުގެ މަޖިލީހުގައި ރައީސް ނަޝީދު ވަނީ އަތްޕުޅު ބިނދިފައިވާ ކަމަށް ވިދާޅުވެ، އަޅުއްވައިގެން ހުންނެވި ޓައީ އަތާއި އެކު ކަރުގައި އައްސަވައިފައެވެ.
ފުލުހުން މިއަދު މެންދުރު ވަނީ ރައީސް ނަޝީދު ޕްރައިވެޓް ހޮސްޕިޓަލެއް ކަމުގައިވާ މެޑިކެއާ އަށް ދައްކާފައެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގެ ޝަރީއަތަށް އިއްޔެ ނަޝީދު ކޯޓަށް ހާޒިރުކުރި ވަގުތު އެ ސަރަހައްދަށް އެއްވެފައިވާ މީޑިއާގެފަރާތްތަކާ ވާހަކަ ދައްކަވަން ނަޝީދު މަސައްކަތް ކުރެއްވި އެވެ. އެހެންނަމަވެސް އެ ފުރުސަތު ނުދީ ފުލުހުން ނަޝީދު ކޯޓަށް ވައްދަނިކޮށް އެމަނިކުފާނު ގަަދަހައްދަވައި އަމިއްލަފުޅަށް ބިމަށްޗަށް ވެއްޓިވަޑައިގަތެވެ.