އާ ހާބަރުން ބިން ވިއްކުމުގެ މައްސަލައިގައި އިދިކޮޅު ޕާޓީތަކުން ދައުވާ ކުރާ މައްސަލަ ކޯޓުން ބޭރުކޮށްލާފައިވަނިކޮށް އަނެއްކާ ވެސް އެ މައްސަލަ ކޯޓަށް ވައްދައިފި އެވެ.

އެ މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށް ސިވިލް ކޯޓުގައި މިދިޔަ އާދީއްތަ ދުވަހު ޝެޑިއުލްކޮށްފައި ވެސް އޮތެވެ.

މިފަހަރު ވެސް އެ މައްސަލަ ކޯޓަށް ވައްދާފައި ވަނީ، ޑީއާރުޕީ އާއި ޕީއޭ އާއި އަދި ގައުމީ ޕާޓީންނެވެ.

އެ މައްސަލަ ކުރިން ސިވިލް ކޯޓުން ބޭރުކޮށްފައި ވަނީ ދައުވާ ކުރާ ޑީއާރްޕީ އާއި ގައުމީ ޕާޓީ އަދި ޕީއޭގެ ފަރާތުން އެ މައްސަލައިގައި ކޯޓަށް ހާޒިރުނުވުމުންނެވެ.

އެ މައްސަލަ ކޯޓުން ބޭރުކޮށްފައި ވަނީ ގިނަ އަޑުއެހުންތަކެއް ބާއްވައި މައްސަލަ ވަރަށް ބޮޑަށް ކުރިއަށް ގެންގޮސްފައި ވަނިކޮށެވެ. އެގޮތުން އާ ހާބަރުން ބިން ވިއްކުން ވަގުތީ ގޮތުން މެދުކަނޑާލުމަށް ކޯޓުން އަމުރެއް ވެސް ކޮށްފައިވެ އެވެ.

އާ ހާބަރުން ބިން ވިއްކުމަށް ސަރުކާރުން ކަނޑައެޅި ގޮތުގެ މަތިން ހަތަރު ބިމެއް ވިއްކައި މިހާތަނަށް 100 މިލިއަން ރުފިޔާ ސަރުކާރުން ހޯދާފައިވެ އެވެ.