ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތައުލީމާއި ތަމްރީން ދޭ ކެއާ ޑިވެލޮޕްމެންޓް ސެންޓަރު (ސީޑީސީ) އަންނަ މާޗް މަހުގެ ދެވަނަ ހަފްތާގައި ހުޅުވި، ހިދުމަތްތައް އަލުން ދޭން ފެށޭނެ ކަމަށް އެެ ސެންޓަރުން ބުނެފި އެވެ.

ސްޓެލްކޯގައި މިރޭ ބޭއްވި އެ ޖަމިއްޔާގެ 2014 ވަނަ އަހަރުގެ އާއްމު ޖަލްސާގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ އެގްޒެކެޓިވް ޑިރެކްޓަރު ފާތުމަތު އާފިޔާ ވިދާޅުވީ، ސީޑީސީ ހިންގުމަށް ދަތިތަކާ ކުރިމަތިވެ، އެތަން ވަގުތީ ގޮތުން ބަންދުކުރަން ޖެހުމާ ގުޅިގެން ކަމާ ބެހޭ ފަރާތްތަކާ އެކު މިދިޔަ އަހަރު ކުރި މަޝްވަރާކުރުމަށް ފަހު، މިހާރު އެ ސެންޓަރަށް ތަނެއް ހަމަޖެހިފައިވާ ކަމަށެވެ.

"ރައީސް އޮފީހުން ބުނީ ކެއާ ސެންޓަރުން ތަނެއް ހޯދުމުން ސަރުކާރުން ކުލި ދައްކާދޭނެ ކަމަށް. އަޅުގަނޑުމެން އުއްމީދުކުރަނީ އެންމެ ލަސްވެގެން މާޗް މަހު ދެވަނަ ހަފްތާގެ ތެރޭގައި ސެންޓަރު ހިންގަން ފެށޭވަރުވާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

އެހެން ސްކޫލްތަކެކޭ އެއްދުވަހެއްގައި ކޮންމެ ދިރާސީ އަހަރެއްގައި ވެސް ކިޔެވުން ފަށާ ކެއާ ސޮސައިޓީ ހިންގާނެ ތަނެއް ނެތިގެން އެތަނުގެ ކިޔެވުން ހުއްޓިފައިވާތީ އެ ޖަމިއްޔާ އިން މިރޭ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އާފިޔާ ވިދާޅުވީ، އެ ސެންޓަރު ހިންގުމަށް މިހާރު ކުއްޔަށް ހިފުމަށް ހޯދައިފައިވާ ތަނާއި ބެހޭ މައުލޫމާތުތައް ރައީސް އޮފީހާ ހިއްސާކޮށްފައިވާ ކަމަށެވެ.

އެ ސެންޓަރުގެ ކުލީގެ ގޮތުގައި ފާއިތުވި ދެ އަހަރުގެ ތެރޭގައި 48،000 ރުފިޔާ ދައްކަމުން ތަނުގެ ޓީޗަރުންނާއި މުވައްޒަފުންގެ މުސާރައިގެ އިތުރުން ތަން ހިންގަން ޖެހުމުން ސެންޓަރު ހިންގުމަށް ބޮޑެތި ދަތިތަކާއި ހުރަސްތައް ކުރިމަތިވެފައިވާ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.

ކުރިން މ. ފިޔާތޮށިމާގޭގައި ހިންގަމުން ގެންދިޔަ ސީޑީސީ ވަގުތީ ގޮތުން ބަންދުކުރަން ޖެހުނީ ތަނުގެ ކުލިބޮޑުވުމާއި އިމާރާތް ބާވެގެން ތަން ދޫކޮށްލަން ޖެހުމުންނެވެ. އެ ސެންޓަރު ވަގުތީ ގޮތުން ބަންދުކުރަން ޖެހުނުއިރު އެ ސެންޓަރުގައި 30 ދަރިވަރުން ގެންދިޔައީ ތައުލީމާއި ތަމްރީން ހޯދަމުންނެވެ.

ސޯޅަ އަހަރުވެފައިވާ ކެއާާ ސޮސައިޓީ އަށް 2013 ވަނަ އަހަރު އާމްދަނީގެ ގޮތުގައި 2.2 މިލިއަން ރުފިޔާ ލިބިފައިވާއިރު 2014 ވަނަ އަހަރު އެ ޖަމިއްޔާގެ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 2.3 މިލިއަން ރުފިޔާ އެވެ. ނަމަވެސް 2013 ވަނަ އަހަރު އެ ޖަމިއްޔާގެ ހަރަދަށް 2.1 މިލިޔަން ރުފިޔާ ހަރަދުވެފައިވާއިރު 2014 ވަނަ އަހަރު 2.5 މިލިޔަނަށް ހަރަދު ބޮޑުވެގެން ގޮސްފައިވާ ކަމަށް މިރޭ އާއްމުކުރި އެ ޖަމިއްޔާގެ 2014 ވަނަ އަހަރުގެ އަހަރީ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. އަދި 2013 ވަނަ އަހަރު 176،000 ރުފިޔާ އެ ޖަމިއްޔާއަށް ގެއްލުންވެފައިވާއިރު 2014 ވަނަ އަހަރު އެ އަދަދު ވަނީ 402،000 ރުފިޔާއަށް އަރާފަ އެވެ.