24 Feb 2015, 23:23
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ) އަކީ އެތަނުގައި ހަތް މިލިއަން މީހުންނަށް ހިދުމަތް ދެވޭނެ ފެންވަރުގެ ތަނަކަށް ހައްދަވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
އެލައިޑު އިންޝުއަރެންސް އަށް 30 އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސައީދު ވިދާޅުވީ، އައިއެންއައިއޭ އަށް ބޭނުންވާ ލޯނުގެ މަސައްކަތް ވަރަށް "އެޑްވާންސް ސްޓޭޖަކަށް" އައިސްފައިވާ ކަމަށެވެ. އަދި މި އަހަރުގެ ތެރޭގައި އެއާޕޯޓުގެ ގިނަ މަސައްކަތްތަކެއް ނިމިގެންދާނެ ކަމަށް ސައީދު ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ މާދަމާ އެއާޕޯޓުގެ ޓާމިނަލް މޮޑެލް އެންމެހާ ބޭފުޅުންނަށް ފެނިގެންދާނެ. އަދި ހަމައެއާއެކު ދެވަނަ ރަންވޭއެއް އެޅުމާއި ފިއުލް ފާމްއާ އަދި އަޅުގަނޑުމެންގެ ސީޕްލޭން ޓާމިނަލްއާ ޖުމުލަ ހަތް މިލިއަން މީހުންނަށް ކޭޓާ ކުރެވޭނެ ވަރުގެ އެއާޕޯޓެއްގެ ތަސައްވުރު ވަނީ ނިމިފައި،" ސައީދު ވިދާޅުވި އެވެ.
މި ސަރުކާރު އައިރު އެއާޕޯޓުގެ ރަންވޭ ވަނީ އެއްކޮށް ހަލާކުވެފައި ކަމަށާއި ކުދިކުދި މަރާމާތު ކޮށްގެން އެތަން ބޭނުން ކުރަމުން އައީ އެތަން އިތުރަށް ތަރައްގީ ކުރުމުގެ ވިސްނުން އެހެން ފަރާތްތަކުން ނުގެންގުޅުއްވާތީ ކަމަށް ސައީދު ވިދާޅުވި އެވެ.
"މި ސަރުކާރު އައިފަހުން މިބުނާ ރަންވޭ ވެސް އިތުރަށް ފަރުމާ ކުރެވި އަދި އިތުރަށް ރީސާފް ވެސް ކުރެވި ދެވަނަ ރަންވޭއެއްގެ މަސައްކަތް ކުރުމަށް އަޅުގަނޑުމެން މިވަނީ އިރާދަކުރެއްވިއްޔާ ތައްޔާރުވެފައި،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
އިހަވަންދިއްޕޮޅު ނުވަތަ އައިހެވަންގެ މަޝްރޫއާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން މނިސްޓަރު ވިދާޅުވީ، ރައީސް މައުމޫންގެ ވެރިކަމުގައި އައިހެވަންގެ މަޝްރޫއު ކާމިޔާބު ކަމާއިއެކު ގޮސްގޮސް ހުއްޓާ އެކަން ނުކޮށް ހުއްޓާލަައި ރައީސް ނަޝީދުގެ ސަރުކާރުން ވަނީ އެކަން ނުކުރުމަށް "އަޒުމް" ކަނޑައަޅާފައި ކަމަށެވެ.
ސައީދު ވިދާޅުވީ، އައިހެވަންގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް މި ސަރުކާރަށް ދިމާވާ "ތާއްޓަކީ" ވެސް ރައީސް ނަޝީދުގެ ސަރުކާރުން އެ މަޝްރޫއަށް ކަންކޮށްފައި އޮތް ގޮތުން ދިމާވާ "ތާއްޓެއް" ކަމަށެވެ.
"އެހެންނަމަވެސް މި ތާށިތައް ފިލުވައި ރައީސް ނަޝީދުގެ ސަރުކާރުން އައިހެވަންގެ މަސައްކަތް ކުރިއަށް ނުގެންދިއުމަށްޓަކައި ނިންމި ނިންމުން އެއީ އިންވެސްޓާސް ކޮންފިޑެންސް ރެސްޓޯ ކޮށްދިނީ. ކޮށްފައި އައިހެވަންގެ ނަމުގައި މިދެންނެވި ޓްރާންޝިޕްމަންޓު ޕޯޓާއި އަދި އޭރު ރައީސް މައުމޫންގެ ސަރުކާރުން އެކަން ކުރުމަށްޓަކައި ވޯލްޑް ބޭންކާ އެއްކޮށް ކުރެއްވި މަސައްކަތް އަޅުގަނޑުމެން އަލުން މުރާޖާކޮށް މިހާރު އެމެރިކާގެ ބޮސްޓަން ކޮންސަލްޓިން ގުރޫޕާއެކުގައި އެތަނުގެ ޓެކްނިކަލް އަދި ފައިނޭންޝަލް ފީސިބިލިޓީ ހެދުމުގެ މަސައްކަތް ކުރަމުން މިގެންދަނީ،" ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ، އެތަނުގައި 500 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތާއި ގުޅޭ ގޮތުން ވެސް ކައިރި ހިސާބުތަކުގެ ފަރާތްތަކާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އައިހެވަންގެ މަޝްރޫއުއާ ގުޅިގެން އެމެރިކާގެ ބޮސްޓަން ކޮންސަލްޓިިން ގުރޫޕު (ބީސީޖީ) ގެ ޓެކްނިކަލް އެކްސާޕާޓުން އަންނަ މަހުގެ 8 ވަނަ ދުވަހު ރާއްޖެ އަންނާނެ ކަމަށް ސައީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ، އޭގެފަހުގައި އެމަޝްރޫއުގެ މަސައްކަތް ސަރުކާރުން ފަށައިގަންނާނެ ކަމަށެވެ.