24 Feb 2015, 21:39
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން ކުރާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތަށް ގޭ ބަންދުގައި ބަހައްޓައިގެން ހާޒިރުކޮށްދިނުމަށް ނަޝީދުގެ ގާނޫނީ ޓީމުން އެދިއްޖެ އެވެ.
ރައީސް ނަޝީދުގެ ގާނޫނީ ވަކީލު އަލްއުސްތާޛް ހަސަން ލަތީފް ސޮއި ކުރައްވައި ހޯމް މިނިސްޓަރު އުމަރު ނަސީރަަށް މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ރައީސް ނަޝީދު ހުންނަވަނިކޮށް ފުލުހުންގެ ބައެއް ބޭފުޅުން އެމަނިކުފާނަށް ބޮޑެތި އަނިޔާތަށް ކުރަމުން ގެންދާ ކަމަށެވެ.
ގޭ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދެއްވުމަށް އެދިވަޑައިގަތީ ނަޝީދުގެ ހަށިކޮޅަށާއި ފުރާނަފުޅަށް ވެދާނެ ގެއްލުމަކުން ސަލާމަތް ކުރުމަށްޓަކައި ކަމަށް ވެސް އެ ސިޓީގައިިވެ އެވެ.
ނަޝީދު ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަވާއިރު އާއިލާއަށާއި ގާނޫނީ ވަކީލުންނަށް އެންގެވުމަކާ ނުލައި ބަންދުގައި ބެހެއްޓިފައިވާ ތަން ނޫން ތަންތަނަށް ބަދަލުކުރަމުން ގެންދާތީ އެކަމާ އިންތިހާއަށް ކަންބޮޑުވާ ކަމަށް ވެސް އެ ސިޓީގައިވެ އެވެ.
"މިއަދު މެންދުރުފަހުގެ ވަގުތެއްގައި ރައީސް ނަޝީދު އަށް ފަރުވާ ދެއްވުމަށް މާލޭގެ ކްލިނިކެއް ކަމުގައިވާ މެޑިކާއަށް ގެނެސް ފަރުވާދީފައިވަނީ އެމަނިކުފާނުގެ އާއިލާއަށާއި ގާނޫނީ ވަކީލުންނަށް އެންގެވުމަކާ ނުލައެވެ،" އެ ސިޓީގައި ބުނެފައިވެ އެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ މުހައްމަދު އަބްދުﷲ ގާނޫނީ އިމުން ބޭރުން ހައްޔަރުކޮށްގެން ގެންގުޅުނު މައްސަލާގައި ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ނިމެންދެން ނަޝީދު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.