ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ކުރީގެެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތަށް ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން ނަޝީދު ކޯޓަށް ގެންދިއުމުގައި އަމަލުކޮށްފައި ވަނީ ރަހުމު ކުޑަކޮށް ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް އެޗްއާރުސީއެމުން ބުނެފި އެވެ.

ކުރީގެ ރައީސް ނަޝީދާ މެދު އަމަލުކޮށްފައި ވަނީ އަނިޔާ ވެރިކޮށް ކަމަށް ބުނެ އެޗުއާރުސީއެމުން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައި ވަނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ބެލުމުގެ ދަށުން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުގައި ފުލުހުން "ބާރުގެ ބޭނުން ނަހަމަގޮތުގައި" ކޮށްފައިވާ ކަމަށެވެ. އަދި ނަޝީދާ މެދު ފުލުހުން އަމަލުކޮށްފައި ވަނީ "ރަހުމްކުޑަކޮށް" ކަމަށާއި އެމައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

"އެމަނިކުފާނާ މެދު ... ފުލުހުން އަމަލުކޮށްފައިވާ ގޮތް މިކޮމިޝަނުން ކުށްވެރިކޮށް ގާނޫނީ ވަކީލެއްގެ އެހީތެރިކަމާއި މިހާދިސާގައި ލިބިފައިވާ އަނިޔާތަކަށް ބޭސްފަރުވާ މިހާރުން މިހާރަށް ފޯރުކޮށްދިނުމަށާއި ގާނޫނު އަސާސީންނާއި ގާނޫނުތަކުން ލިބިދޭންޖެހޭ ރައްކާތެރިކަމާއި ހައްގުތައް ކަށަވަރުކޮށްދިނުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް މިކޮމިޝަނުން ގޮވާލަން" އެޗްއާރުސީއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ކޯޓަށް ހާޒިރުކުރި ވަގުތު މީޑިއާއާއި ކުރިމަތިލާން މަަސައްކަތް ކުރުމުގެ ސަބަބުން ފުލުހުން ވަނީ ނަޝީދު ގަދަކަމުން ކޯޓަށް ވައްދާފަ އެވެ.