ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލާގައި އެމްއެންޑީއެފްގެ ކުރީގެ ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން ވަކީލަކު ހަމަޖެއްސުމަށް ތިން ދުވަހުގެ ފުރުސަތެއް އޭނާއަށް ދީފިއެވެ.

ކްރިމިނަލް ކޯޓުގައި މިރޭ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުވާ އިއްވަމުން ދައުލަތުގެ ވަކީލު އަހްމަދު ހިޝާމް ވަޖީހު ވިދާޅުވީ ޒިޔާދުގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ އޭނާ އެމްއެންޑީއެފްގެ ކާނަލެއްގެ ގޮތުގައި ހުންނަވަނިކޮށް އަބްދުﷲ ގާޒީ ހައްޔަރުކުރުމަށް ސިފައިންގެ އެންމެ މަތީވެރިޔާ މުހައްމަދު ނަޝީދު ނިންމެވުމުން އެކަމާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ބައިވެރިވެ 16 ޖެނުއަރީ 2012 ވަނަ ދުވަހުގެ ރޭ 12:00 އެހާކަންހާއިރު ގަދަކަމުން އަބްދުﷲ ގާޒީ ހައްޔަރުކޮށްގެން ކ. ގިރިފުއްޓަށް ގެންގޮސްފައިވާތީ ކަމަށެވެ.

އޭނާގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ށ)އާ ހަވާލާދީ އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.

ވަކީލަކު ހަމަޖައްސަން ޒިޔާދަށް ތިން ދުވަހުގެ ފުރުސަތު ދިނުމާއެކު އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލާގައި ދައުވާކުރި ހުރިހާ ބޭފުޅުންނަށް ވެސް ވަކީލަކު ހަމަޖެއްސުމުގެ ފުރުސަތުދީނިމުނީއެވެ.