24 Feb 2015, 19:26
މެލޭރިއާއަށް ފަރުވާދިނުމަށް ބޭނުންކުރަމުންއަންނަ ޑްރަގަށް "ރެޒިސްޓެންޓް" މެލޭރިއާ ޕެރެސައިޓު (މަދިރި) ތަކެއް ދެކުނު އިރުމަތީ އޭޝިޔާ ސަރަހައްދުން ފެންނަން ފަށައިފި ކަމަށް ތަޖުރިބާކާރުން ބުނެފި އެވެ.
ކެމްބޯޑިއާ އާއި ވިއެޓްނާމް އާއި ބަންގްލަދޭޝް އަދި ބާމާ ހިސާބުން އެ ބާވަތުގެ މަދިރި ފެނުމާ ގުޅިގެން އިންޓަނޭޝަނަލް ހެލްތު އޯގަނައިޒޭޝަންތަކުން އެކަށީގެންވާ ފިޔަވަޅު އެޅުމަށް ގިނަ ބަޔަކު ވަނީ ގޮވާލާފައެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި މިވަގުތުގެ އެންމެ ބޮޑު ބިރަކީ އިންޑިއާ ސަރަހައްދަށް އެ ބަލި މިސްރާބު ޖަހާފައި ހުރުމެވެ. އިންޑިއާ ފަދަ އާބާދީ ބޮޑު ގައުމެއްގައި މިވަގުތު ފަރުވާއެއް ނެތް ބައްޔެއް ފެތުރިއްޖެ ކަމަށް ވާނަމަ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަށް އެ ބަލި ފަސޭހަކަމާއެކު ފެތުރޭނެ ކަމަށް އެކަމުގެ ތަޖުރިބާކާރުން ވަނީ ބުނެފައެވެ.
އެ މައްސަލަ ބަލަމުންދާ ރިސާޗަރުން ބުނާ ގޮތުގައި ދެކުނު އިރުމަތި ސަރަހައްދުން ޓެސްޓުކޮށްފައިވާ މެލޭރިއާ ފަތުރާ މަދިރީގެ 10 އިންސައްތަ މަދިރި ވަނީ މިހާރު ބޭނުންކުރާ ބޭހަަށް ރެޒިސްޓެންޓް ވެފައެވެ.
އިނިގިރޭސިވިލާތުގެ ވެލްކަމް ޓްރަސްޓުގެ އިންފެކްޝަން އެންޑް އިމިއުނޯ ބަޔޯލޮޖީގެ ހެޑް ޕްރޮފެސަރު މައިކް ޓާނާ ވިދާޅުވީ، އެފަދަ ހާލަތެއް މީގެން ކުރިންވެސް ދިމާވެފައިވާ ކަމަށެވެ. މީގެ 50 އަހަރު ކުރިން މެލޭރިއާ ބަލި ޖައްސާ މަދިރިތަށްވަނީ "ކްލޯރޯކުއިން" އަށް ރެޒިސްޓެންޓް ވެފައި ކަމަށް އޭނާ ވިދާޅުވި އެވެ. އެފަހަރުވެސް އޭޝިޔާގައި ފެތުރުނު އެ ބަލީގެ ސަބަބުން މިލިއަނަކަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
ދުނިޔޭގައި ކޮންމެ އަހަރަކު 600،000 އަށްވުރެ ގިނަ މީހުން މެލޭރިއާގެ ޝިކާރައަށްވާ ކަމަށް ބީބީސީ އިން ނެރުނު ރިޕޯޓެއްގައި ބުނެފައިވެއެވެ. އެހެން ނަމަވެސް އެ އަދަދީ 2000 ވަނަ އަހަރާ އަޅާބަލާއިރު ދެ ގުނަ މަދު އަދަދެކެވެ.
މެލޭރިއާ ޖެހިގެން މިހާތަަނށް އެންމެ ގިނަ ބަޔަކު މަރުވެފައިވަނީ އެފްރިކާގެ ސަރަހަދުންނެވެ. އަދި ހާއްސަކޮށް އެ ބަލީގެ ޝިކާރައަކަށް ވެފައިވަނީ ކުޑަކުދިންނެވެ.