24 Feb 2015, 17:43
ފެން ކުންފުނި، އެމްޑަބްލިއުއެސްސީ އިން ބިލު ހެދުމުގައި ދިމާވި މައްސަލަތައް ހައްލުކުރުމަށް ޓަކައި މިއަދުން ފެށިގެން ހެނދުނު 8:30 އިން ރޭގަނޑު 11:00 އަށް އެ ކުންފުނީގެ ކަސްޓަމާ ސަވިސް ކައުންޓާ ހުޅުވާފައި ހުންނާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
މިއަދު ހަވީރު އެމްޑަބްލިއުއެސްސީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖާ ކަސްޓަމާ ސަވިސަސް، މުހައްމަދު ފަޒީލް ރަޝީދު ވިދާޅުވީ ބިލު ހެދުމުގައި ދިމާވި މައްސަލަ ހައްލުކުރުމަށް ކަސްޓަމަރުންނާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ.
"ކަސްޓަމަރުންނަށް ދިމާވި މައްސަލަތަކުގެ ހައްލުވީ އެންމެ އަވަހަށް ގެނެސްދެވޭނެ" ކަމަށް ފަޒީލް ރަޝީދު ވިދާޅުވި އެވެ.
މީގެ އިތުރުން ބިލަށް މައްސަލަ ދިމާވެފައިވާ ފަރާތްތަކުން 1050 އަށް އެސްއެމްއެސް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށް ފަޒީލް ރަޝީދު ވިދާޅުވި އެވެ.
ބިލް ހެދުމުގައި ދިމާވި މައްސަލައަކީ ޑިސެމްބަރު އަދި ޖެނުއަރީ މަހު ބިލް ހެދުމުގައި 45 ދުވަހަށް ބިލް ހެދިފައި އޮތުން ކަމަށް އެމްޑަބްލިއުއެސްސީން ބުނެ އެވެ. އަދި ފެނުގެ މައްސަލަ އަށް މާޗް މަހުގެ ނިޔަލަށް ހައްލުކުރެވޭނެ ކަމަށާއި މި މުއްދަތުގެ ތެރޭގައި އެއްވެސް ގެއަކުން ފެން ނުކަނޑާނެ ކަަމަށް އެ ކުންފުނިން ބުނެ އެވެ.