ޑިމޮކްރަސީ އަށް މަސައްކަތް ކުރުމުގައި ރާއްޖެ އިން މަސައްކަތް ކުރާ ކަމުގެ އިތުބާރު އަލުން ގާއިމްކުރުމަށް ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ( ޔޫއެސްއޭ) އިން ގޮވާލައިފި އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާމެންޓްގެ ތަރުޖަމާނު ޖެން ސާކީ ވިދާޅުވި ކަމަށް ވޮއިސް އޮފް އެމެރިކާ އިން ބުނީ ދެކުނު އޭޝިއާ ސަރަހައްދަށް ހާއްސަކޮށްފައިވާ އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ނިޝާ ބިޝްވާލް ރާއްޖޭގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާ ވާހަކަ ވާހަކަ ދައްކަވާފައިވާ ކަމަށެވެ.

އެގޮތުން ދެއްކެވި ވާހަކަފުޅުގައި ޝަރުއީ މިނިވަންކަމާއި ގާނޫނުގެ ވެރިކަމާއި ސުލްހަވެރި މުޒާހަރާތަކަށް ޖާގަ ދިނުން ފަދަ ކަންކަމަށް މަސައްކަތް ކުރުމަށް ރާއްޖޭން އަލުން އިތުބާރު ހޯދަން ޖެހޭ ކަމަށް ނިޝާ ވަނީ ވިދާޅުވެފަ އެވެ.

ރައީސް ނަޝީދު ހައްޔަރުކުރުމާއި އެމަނިކުފާނު ކޯޓަށް ހާޒިރުކުރުމުގައި އިއްޔެ ހިނގައި ދިޔަ ކަންތައްތަކާ މެދު އެމެރިކާގެ އިތުރުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވެސް މިއަދު ވަނީ ބަޔާނެއް ނެރެފަ އެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ޑިމޮކްރަސީގެ އުސޫލުތަކަށް އިހުތިރާމް ކުރުމާއި ގާނޫނު އަސާސީ އަށް އިހުތިރާމް ކުރުމާއި ޝަރުއީ ނިޒާމުގެ މިނިވަންކަން ކަށަވަރު ކުރުމުގެ މުހިއްމު ކަން އީޔޫ އިން ފާހަގަ ކުރާ ކަމަށެވެ. އަދި ބުނެފައި ވަނީ ނަޝީދު ވެސް ހިމެނޭ ގޮތުން ރާއްޖޭގެ ރައްޔިތުންނާ މެދު އެ އުސޫލުތަކުގެ ދަށުން އަމަލުކުރަން ޖެހޭ ކަމަށެވެ.

ރައީސް ނަޝީދު ހައްޔަރުކުރުމާ މެދު ކަންބޮޑުވާ ކަމަށާއި އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ބާވަތް ދެނެގަންނަން ބޭނުންވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ރައީސް ނަޝީދު ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާ އުފުލުމުން ކޮމަންވެލްތާއި އިންޑިއާއާއި ކެނެޑާ އިން ވެސް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.