24 Feb 2015, 17:16
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރު ކުރި މައްސަލާގައި ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑު އިބްރާހީމް މުހައްމަދު ދީދީގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާއަށް އޭނާ އިންކާރުކުރައްވައިފި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލާ އާއިޝަތު ފަޒުނާ އަހްމަދު ވިދާޅުވީ އިބްރާހީމް ދީދީގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ އޭނާ އެމްއެންޑީއެފްގެ މާލޭ އޭރިއާ ކޮމާންޑަރުގެ މަގާމުގައި ހުންނަވަނިކޮށް އަބްދުﷲ ގާޒީ ހައްޔަރުކުރުމަށް ސިފައިންގެ އެންމެ މަތީވެރިޔާ މުހައްމަދު ނަޝީދު ނިންމެވުމުން އެކަމާ ގުޅިގެން އެމްއެންޑީއެފް އިން ހިންގި އޮޕަރޭޝަންގެ ކޮމާންޑަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާތީ ކަމަށެވެ.
ދައުވާ އިއްވުމާއެކު އިބްރާހީމް ދީދީ ވިދާޅުވީ، އެއީ ސިޔާސީ ދައުވާއެއް ކަމަށެވެ. އޭނާ ވިދާޅުވީ، ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރަކީ ޓެރަރިސްޓު އަމަލުހިންގާ މުއައްސަސާއެއް ކަމަށް ދެކެވަޑައިގަތުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ.
އެ ދައުވާއަކީ 3 ނޮވެމްބަރު 1988 ވަނަ އަހަރު ރާއްޖެއަށް ދިން ޓެރަރިސްޓު ހަމަލާއިން ގައުމު ސަލާމަތްކުރަން އޭނާ އުޅުމުން ދިންހަދިޔާއެއްތޯ ވިދާޅުވެ އިބްރާހީމް ދީދީ ވަނީ ސުވާލު އުފައްދަވައިފައެވެ. އަދި ސިފައިންނަކީ ޓެރަރިސްޓުން ކަމަށް ސިފަކޮށްފައި އޮންނަނީ އިސްލާމްދީނުގެ ކޮން މަޒުހަބެއްގައި ތޯ ކަމަށް ވިދާޅުވެ އޭނާ ވަނީ ދައުލަތާ ސުވާލުކުރައްވައިފައެވެ.
މިހާރު ސ. ހިތަދޫ މެދު ދާއިރާގެ މަޖިލިސް މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ އިބްރާހީމް ދީދީގެ ވާހަކަތަކާ ގުޅިގެން ދައުލަތަށް ފުރުސަތު އެރުވުމުން ދައުލަތުގެ ވަކީލާ ވިދާޅުވީ އެވާހަކަތަކާ ގުޅިގެން މިއަދު ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމާލާފައި ވަނީ ވަކީލަކު ހަމަޖެއްސުމަށް ތިން ދުވަހުގެ ފުރުސަތެއް އިބްރާހީމް ދީދީއަށް ދެއްވުމަށްފަހުއެވެ.