ހއ. ކެލާގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބު ބާއްވާފައި ވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށާއި އެ އިންތިހާބު އަލުން ބާއްވައިދިނުމަށް އެދި އެމްޑީޕީން ހައި ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފި އެވެ.

އެމްޑީޕީން ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައި ވަނީ މިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އިލެކްޝަންސް ކޮމިޝަނުން ކެލާގައި ބާއްވާފައި ވަނީ ގިނަ ބަޔަކަށް ވޯޓު ލުމުގެ ހައްގު ގެއްލޭ ގޮތަށް ކަމަށެވެ. އެ ދައުވާގައި ބުނެފައި ވަނީ ކެލާގެ ރައްޔިތުންގެ ތެރެއިން 1407 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ ކަމަށާއި އޭގެ ތެރެއިން 900 މީހުން ވޯޓުލީ ދުވަހު ރަށުގައި އުޅުނު ކަމަށެވެ. އެކަމަކު ވޯޓުލުމުގެ އިންތިޒާމް އިލެކްޝަންސް އިން ހަމަޖައްސާފައިވާ ގޮތުން ވޯޓުލެވުނީ ގާތްގަނޑަކަށް އެންމެ 361 މީހުންނަށް ކަމަށް އެ މައްސަލައިގައިވެ އެވެ.

އެމްޑީޕީން ހުށަހެޅި ދައުވާގައި ބުނެފައި ވަނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ 1400 އަށްވުރެ ގިނަ މީހުން ކެލާގައި ތިބި އިރު ވޯޓުލުމަށްޓަކައި ބަހައްޓާފައި ވަނީ އެންމެ ފޮއްޓެއް ކަމަށެވެ. އެހެންކަމުން އިލެކްޝަންސް އިން ވޯޓުލުމަށް ކަނޑައަޅާފައިވާ އަށް ގަޑިއިރުގެ ތެރޭގައި ކޮންމެ ގަޑިއަކު 130 މީހުން ވޯޓުލައިގެން ނޫނީ އެންމެނަށް ވޯޓުނުލެވޭނެ ކަމަށެވެ. އެއީ ގާތްގަނޑަކަށް ކޮންމެ 30 ސިކުންތަކުން ވޯޓެއް ކަމަށް ވެސް އެ ދައުވާގައިވެ އެވެ.

އެ ދައުވާގައި ބުނެފައި ވަނީ ވޯޓުނުލެވިފައިވާ ގިނަ މީހުންނަކީ ވޯޓުލުމަށްޓަކައި ކިޔޫގައިޖެހި ކިޔޫ ނަންބަރު ވެސް ލިބިފައިވާ މީހުން ކަމަށެވެ. އެކަމަކު އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބުނެފައިވާ ގޮތާ ހިލާފަށް ވޯޓުލުމަށްދާ މީހުންނަށް ފަސޭހައިން ވޯޓުލެވޭނެ ގޮތް ހަމަޖައްސައިދީފައިނުވާތީ ކަމަށް އެ ދައުވާގައިވެ އެވެ. އަދި އެގޮތަށް ކަންތައްތައް ހަމަޖައްސާފައިނުވާއިރު ހަމަނުޖެހުންތައް ހިނގައިގެން ވޯޓުލުން މެދުކަނޑާލުމަށްފަހު އަލުން ވޯޓުލުމަށް އަމާން މާހައުލެއް ވެސް އިލެކްޝަންސް އިން ފޯރުކޮށްދީފައިނުވާ ކަމަށް އެމްޑީޕީން ބުނެ އެވެ.

ކެލާ ވޯޓު ފޮށި ރަށުން ބޭރަށް ފުލުހުންގެ ބެލުމުގެ ދަށުން ގެންގޮސްފައި ވަނީ ގާނޫނާ ހިލާފަށް ވޯޓު ފޮށި ސީލްނުކޮށް ކަމަށާއި ވޯޓު ގުނުމުގެ ކަންތައްތަކުގައި ކެންޑިޑޭޓުންނާއި އެމީހުންގެ މަންދޫބުންނަށް ބައިވެރިވުމުގެ ފުރުސަތު ލިބިފައިނުވާ ކަމަށް އެ ދައުވާގައިވެ އެވެ. އެހެންކަމުން ކެލާގެ އިންތިހާބު ބާތިލްކޮށް އާ އިންތިހާބެއް ބާއްވައިދީ، ކޯޓުން މި މައްސަލައިގައި ގޮތެއް ނިންމަންދެން ކެލާގައި ބެހެއްޓި ވޯޓު ފޮށީގެ ނަތީޖާ އިއުލާން ނުކުރުމަށް އެ ދައުވާގައި އެދިފައިވެ އެވެ.

ކެލާގެ ވޯޓު ފޮށީގެ މައްސަލައިގެ އިތުރުން ނ. މިލަދޫގައި ބެހެއްޓި ވޯޓު ފޮށީގެ މައްސަލަ ވެސް އެމްޑީޕީން ވަނީ ހައި ކޯޓަށް ހުށަހަޅައިފަ އެވެ.